ޝަކުން ބަޓްރާގެ ފިލްމެއްގެ ޝޫޓިންއަށް ދިޕިކާ ޕަޑްކޯނު، އަނަންޔާ ޕާންޑޭ އަދި ސިދާންތު ޗަކަރުވެދީ މިއަންނަ މަހު ގޯއާއަށް ފުރަން ހަމަޖެހިއްޖެއެވެ.

ލީޑްރޯލުން ދިޕިކާ، އަނަންޔާ އަދި ސިދާންތު ފެނިގެންދާ އެ ފިލްމުގެ ނަމެއް އަދި މީހަތަނަށް ހާމައެއް ނުކުރެއެވެ. ޝަކުން ޑައިރެކްޓް ކުރާ އެ ފިލްމުގެ ޝޫޓިންތައް ކުރިން ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ ސްރީލަންކާގައެވެ. އެހެންނަމަވެސް ކޯވިޑް 19ގެ ސަބަބުން ފިލްމުގެ ޝޫޓިންތައް އިންޑިއާގެ ގޯއާގައި ނެގުމަށް ނިންމީއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަހު ފިލްމުގެ ޓީމުން ވަނީ މިހާރު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމުގެ ކާސްޓް އަދި ކްރޫއިން ގޯއާ އަށް ފުރާނީ އަންނަ މަހުގެ މަހުގެ ދެވަނަ ހަފްތާގައެވެ.

ދިޕިކާ ދިޔައީ ލޮކްޑައުން ތެރޭގައިވެސް ފިލްމުގެ ސްކްރިޕްޓް ކިޔައި އޭނާގެ ރޯލު އަދާކުރަން ޖެހޭނެ ގޮތް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ޝަކުން ބަޓްރާގެ ފިލްމުގެ އިތުރުން ދިޕިކާ އަންނަނީ ފިިރިމީހާ ރަންވީރު ސިންގާ އެކު ފިލްމު "83" ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.