ގެއްލުވާލާފައިވާ މީހުންގެ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑްޑިސްއަޕިއަރެންސް (ސީއީޑީ) ރާއްޖެއިން ތަސްދީގުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އެކަމަށް ރުހުންދިނުމަށް މަޖިލީހުން ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއުިން 56 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެކަމަށް ރުހުންދިނުމަށް ފާސްކުރުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގެއްލުވާލެވިފައިވާ މީހުންނާ ބެހޭ ކޮމިޝަނެއް ރައްޔިތުންގެ މަޖިލީހުން ވެސް އެކުލަވާލާފައިވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ގެއްލުވާލާފައިވާ މީހުންގެ ކަންކަމުގައި އެ ކޮމިޝަނުން މަސައްކަތްތައް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުން މިއަދު ފާސްކުރީ މީހުން ގެއްލުވާލާފައިވާ ކަންކަން ކޮށްގެންނުވާނެ ކަމަށް ބުނާ މުއާހަދާއެއް ކަަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" މުއާހަދާ އެޑޮޕްޓްކޮށްފައިވަނީ 20 ޑިސެންބަރު 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ.
އެ މުއާހަދާއަށް އާންމުކޮށް ޢަމަލުކުރަން ފަށާފައިވަނީ 23 ޑިސެންބަރު 2010 ގައެވެ. އަދި ދިވަހިރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައިވަނީ 6 ފެބުރުވަރީ 2007 ގައެވެ. މި މުއާހަދާގައި މިހާތަނަށް 98 ގައުމަކުން ސޮއިކޮށްފައިވާ އިރު، މުއާހަދާ ތަސްދީގުކޮށްފައިވަނީ 62 ގައުމަކުންނެވެ.
ސީއީޑީ މުއާހަދާ ރާއްޖެއިން ތަސްދީގުކޮށް އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން އައުމުގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމާއެކު، ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައެޅިގެން ދިއުމުން އިންސާފު ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު