ލޯ ކާބަން ގައުމަކަށް ރާއްޖެ ހެދުމަށް ބޭނުންވާ އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތު ފަހިވެގެންދާ "ފްރޭމްވޯކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް" ރާއްޖެއިން ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުންދީފިއެވެ.
މި އެގްރީމެންޓް ތަސްދީގު ކުރެއްވުމަށް މަޖިލީހުގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ރާއްޖެއިން ތަސްދީގު ކުރުމަށް މިއަދުގެ ޖަލްސާއިން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އދ. ގެ އެންމެހައި މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭ ގޮތަށް "ފްރޭމްވޯކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް" އަށް އިސްލާހެއް ގެނެސްފައިވާތީ، އިސްލާހުކޮށްފައިވާ މި އެގްރީމެންޓް ރާއްޖެއިން ތަސްދީގު ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުއްވާފައިވާތީ، މި އެގްރީމަންޓް ތަސްދީގުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައެވެ.
މި އެގްރީމެންޓަކީ 10 އެޕްރީލް 2019 ގައި ދިވެހިރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަސްދީގުކޮށްފައިވާ އެގްރީމެންޓެކެވެ.
ރައީސް އޮފީހުން ބުނީ އިސްލާހުކޮށްފައިވާ މި އެގްރީމެންޓް ރާއްޖެއިން ބަލައިގަތުމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ލޯ ކާބަން ޤައުމަކަށް ހެދުމަށް ބޭނުންވާ އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ހުޅުވިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު