ސުޝާންތު ސިންގު ރާޖުޕުތުގެ އޮޓޯޕްސީ ހަދާފައި ހުރީ ވަރަށް އަވަސް އަރުވާލައިގެން ކަމަށް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ތަހުގީގަށް އެނގިއްޖެއެވެ.

ސުޝާންތުގެ އޮޓޮޕްސީ ހެދި ޑޮކްޓަރުންނާ ސީބީއައިގެ ޓީމުން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން ސީބީއައިގެ ޓީމުން ވަނީ ޑޮކްޓަރުން ގާތު، ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓް ތައްޔާރު ކުރިއިރު ސުޝާންތު ކޮވިޑަށް ޕޮޒިޓިވްތޯ ބެލުމަށް ޓެސްޓް ނުކުރީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ޑޮކްޓަރުންގެ ޓީމުން ބުނީ އެވަގުތު އެކަން މުހިންމު ނޫން ވީމަ އަދި ޝައްކު ކުރެވޭ އަލާމާތެއްވެސް ނެތީމަ ޓެސްޓް ނުކުރީ ކަމަށެވެ.

ސީބީއައި އިން ވަނީ ސުޝާންތުގެ އޮޓޮޕްސީ ދަންވަރު ހަދަން ޖެހުނީ ކޮން ކަމަކަށް ލަސްވާތީ ތޯ ވެސް ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ޑޮކްޓަރުން ބުނީ ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓު އަވަސް ކޮށްދޭން އެދުނީ މުމްބާއީ ފުލުހުން ކަމަށެވެ. ސީބީއައި ގެ ޓީމުން ވަނީ ސުޝާންތުގެ މަރުވި ގޮތް ކުޅުމަށް ނިންމައިފައެވެ. އެގޮތުން ސުޝާންތުގެ ފްލެޓްގައި އޭނާ މަރުވި ގޮތަށް އޭނާގެ ނިދާ ކޮޓަރީގައި ދެވަނަ ފަހަރަށް އެކަން ކުރުމަށް އެ ޓީމުން ވަނީ ނިންމައިފައެވެ.