ސިފައިންގެ އާ އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް، އެންމެ ހެޔޮއަގެއްގެ ގޮތުގައި 69 މިލިޔަން ރުފިޔާ އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހަޅާފައި ވަނިކޮށް، އެއަށްވުރެ 5.5 މިލިޔަން ރުފިޔާ ބޮޑު ކޮށް އަގު ހުށަހަޅާފައިވާ ކުންފުންޏަކަށް ބިޑް ކާމިޔާބު ވެ، މަސައްކަތް ހަވާލު ކުރީ އެސްޖޭ ކޮންސްޓްރަކްޝަންގެ ޝަރުތު ފުރިހަމަ ނުވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ޓެންޑާ ބޯޑުގެ "ސަމަރީ އޮފް ޕްރޮކިއުމަންޓް އެވޯޑް"ގައިވާ ގޮތުން އެ މަސައްކަތަށް 12 ކުންފުންޏަކުން ބިޑު ކުރިއެވެ.

އޭގެ ތެރެއިން އެންމެ ހެޔޮ އަގު ހުށަހެޅި އެސްޖޭއިން 457 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ އަގަކީ 69 މިލިޔަން ރުފިޔާއެވެ. ދެވެނައަށް އެންމެ ހެޔޮ އަގު ހުށަހެޅި، ރެއިންބޯއިން 618 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ އަގަކީ 74.5 މިލިޔަން ރުފިޔާއެވެ.

ފިނޭންސް މިނިސިޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ޝަނޫން "ވަން އޮންލައިން" އަށް ވިދާޅުވީ، އެ މަަސައްކަތުގެ ބިޑު ރެއިންބޯއަށް ކާމިޔާބުވީ މިއަހަރުގެ އޭޕްރީލް މަހު އިއުލާންކޮށްފައިވާ، ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް އެވޯޑު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުގެ ދަށުން ކަމަށެވެ.

އެ އުސޫލުގައި އެފަދަ މަސައްކަތްތަައް ހަވާލުކުރާ ކުންފުނިތައް ވަނީ ހަތް ކެޓަގަރީއަކަށް ބަހާލައިފައެވެ.

އޭގެ ތެރެއިން ފުރަތަމަ ކެޓަގަރީ، ނުވަތަ ގްރޭޑް އެކެއްގައި ހިމެނޭ ކުންފުނިތަކަށް އެންމެ ގިނަ އަދަދަކަށް އެއްފަހަރާ ހަވާލު ކުރެވޭނީ ފައިސާގެ ގޮތުން 300 މިލިޔަން ރުފިޔާއަށް ވުރެ އިތުރު ނުވާ އަދަދެއްގެ ޕްރޮޖެކްޓެވެ. އެންމެ ގިނަ ޕްރޮޖެކްޓްގެ ގޮތުގައި އެއްފަހަރާ އެ ކެޓަގަރީގެ ކުންފުނިތަކަށް ކުރިއަށް ގެންދެވޭނީ އަށް ޕްރޮޖެކްޓެވެ.

ޝަނޫނު ވިދާޅުވީ، އެސްޖޭ ކޮންސްޓްރަކްޝަން އަކީ އެއްވަނަ ގްރޭޑްގައި ހިމެނޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މަސައްކަތްތަކުގެ ގޮތުގައި މިހާރުވެސް 310 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލު ކުރެވިފައި އެބަ ހުރި ކަމަށާއި އެއީ 11 ޕްރޮޖެކްޓެއްގެ މަސައްކަތް ކަމަށެވެ.

"އޭ ކެޓަގަރީގައި ހިމެނޭ ކުންފުނިތަކަށް މި އޮންނަނީ، އެއްފަހަރާ ހިންގޭނީ، 300 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ކަމަށް. އެއީ 8 ޕްރޮޖެކްޓް. އޭގެ ތެރެއިން ކޮންމެ ޝަރުތެއް ހަމަނުވިޔަސް ބިޑަށް ކޮލިފައިއެއް ނުވެވޭނެ، މިސާލަކަށް 8 ޕްރޮޖެކްޓް އޮވެފަ، 300 މިލިޔަނަށްވުރެ މަދު އަދަދެއް، ފައިސާގެގޮތުން ހަމަވިޔަސް ޝަރުތު ހަމަނުވާނެ، އަދި 300 މިލިޔަން ހަމަވާ ވަރަށް ޕްރޮޖެކްޓް އޮވެފައި، 8 ޕްރޮޖެކްޓަށްވުރެ މަދުން ޕްރޮޖެކްޓް އޮތަސް ޝަރުތު ހަމަނުވާނެ،" ޝަނޫނު ވިދާޅުވިއެވެ.

ޝަނޫން ވިދާޅުވީ އެސްޖޭ ކޮންސްޓްރަކްޝަންގައި ފައިސާގެ ގޮތުން ބަލާއިރު 310 މިލިއަން ރުފިޔާ އަދި ޕްރޮޖެކްޓުގެ ގޮތުން ބަލާއިރު 11 ޕްރޮޖެކްޓު އޮތީ އެއީ މި އުސޫލު އައުމުގެ ކުރީން ލިބިފައި ހުރި ޕްރޮޖެކްޓުތައް ކަމަށް ވާތީ ކަމަށެވެ.

ސިފައިންގެ އިމާރާތް ކުރުމަށް ރެއިންބޯއަށް ބިޑް ކާމިޔާބުވީ އެގޮތުން ކަމަށް ޝަނޫނު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އުސޫލު ތަންފީޒު ކުރި ފަހުން އަމަލު ކުރަމުން އަންނަނީ އެ އުސޫލުގެ ދަށުން ކަމަށެވެ. އަދި ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގެ މަތީން ކަމަށެވެ.

މިނިސްޓްރީން ޓެންޑާތަކާ ގުޅޭ މައުލޫމާތުތައް ވެބްސައިޓްގައި ހާމަކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތަކަށް މިފަދަ ކަންތައްތައް ހިނގާ ގޮތުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގައިދިނުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.