ބޮލީވުޑްގެ މަޝްހޫރު ބަަތަލު ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި މައްސަލައާއި ގުޅިގެން އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ އޮފީހުން ތަހްގީގު ކުރަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލައަކާއި ގުޅިގެން ސުޝާންތުގެ ދައްތަ ޕްރިޔަންކާ ސިންގު ގެ ބަޔާން ނަގައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އީޑީ އިން ޕްރިޔަންކާއާ ސުވާލުކުރީ، ސުޝާންތުގެ ޒާތީ ދިރިއުޅުމާއި މާލީ ހަލާތު ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށްޓަކައެވެ. މީގެ އިތުރުން އީޑީ އިން ވަނީ ސުޝާންތުގެ ޕްރޮފެޝަނަލް ދިރިއުޅުމާ ގުޅޭ ސުވާލުތައްވެސް ޕްރިޔަންކާއާ ކޮށްފައެވެ.

އީޑީ އިން ބަލަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން، އެ އޮފީހުން ވަނީ މީގެ ކުރިން ސުޝާންތުގެ ބައްޕަ ކޭކޭ ސިންގުގެ ބަޔާންވެސް ނަގައިފައެވެ. މީގެ އިތުރުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީވެސް ވަނީ ދެފަހަރަކު އެ އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ.

އީޑީ އިން ވަނީ އެމައްސަލައާ ގުޅިގެން ރިއާގެ ބޭބެ އިންދްރަޖިތު ޗަކަރަބޮޓީއާއި، ސުޝާންތުގެ ބިޒްނަސް މެނޭޖަރާއި، ސުޝާންތުގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ސުޝާންތުގެ އެކައުންޓެންޓް ރަޖަތު މެހެތާ އާއި އަދި ސުޝާންތުގެ އެކުވެރިއެއް ކަމަށްވާ ސިދާތު ޕިތާނީ ގެ ބަޔާންވެސް ނަގައިފައެވެ.