މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަކީ މާލޭގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނިވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނިވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ. ގުޅިފަޅުގައި ޕޯޓު ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށި،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ނިންމާފައިވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް މި ސަރުކާރުން ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރުވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ކަނޑައަޅައިފައެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިއުމަށް ހިންގާ ޕްރޮޖެކްޓެކެވެ. އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ދީފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެކުންފުނީގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާނެއެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ. ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ.

ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ އިތުރުން އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިންކޮޅު ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ މަހުގެ ތެރޭގައި ވިދާޅުވެފައެވެ.