ބޮލީވުޑްގެ މަޝްހޫރު ބަތަލު ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި މައްސަލަ ތަހުގީގު ކުރުން ސީބީއައި އާއި ހަވާލުކޮށްފައިވާއިރު ތަހުގީގު ކުރުމަށް ދެ އެސްޕީ އިން ވެސް ސީބީއައި އާ ގުޅިއްޖެއެވެ.

ސީބީއައި އިން ވަނީ ތަހުގީގަށް ހާއްސަ ޓީމެއް އެކުލަވާލައިފައެވެ. އެ ޓީމުން ރޭ މުމްބާއީ އަށް ދިއުމަށްފަހު ވަނީ ހަތަރު ގަަޑިއިރުގެ ދިގު ބައްދަލުވުމެއްވެސް ބާއްވައިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ތަހުގީގު ކުރާ ޓީމު ދެ ގުރޫޕަކަށް ބަހާލާނެއެވެ. އެ ދެ ތަހުގީގު ޓީމު ލީޑް ކުރާނީ ދެ އެސްޕީ އިންނެވެ. އެއް ޓީމުން މީގެ ކުރިން ސުޝާންތުގެ މަރާއި ގުޅިގެން މުމްބާއީ ފުލުހުން އެއްކޮށްފައިވާ ހެކިތައް ބަލައި ތަހުގީގު ކުރަން ހަމަޖެހިފައިވާއިރު އަނެއް ޓީމުން ކުރާނީ ފޮރެންސިކް ތަހުގީގުތަކެވެ.

ސުޝާންތުގެ މަރުގެ މައްސަލަ ތަހްގީގު ކުރުން މުމްބާއީ ފުލުހުން އަތުން ނެގުމަށް ފަހު ސީބީއައި އާ ހަވާލުކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ މިދިޔަ ބުދަ ދުވަހެވެ. ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް މުމްބާއީ ފުލުހުން ކުރި ތަހުގީގަށް ލިބިފައިވާ ހުރިހާ ހެކިތައްވެސް ސީބީއައި އާ ހަވާލުކުރުމަށް އަމުރު ނެރެފައެވެ.