ސާވިސްޗާޖަށް 10 ޕަސެންޓަށްވުރެ މަދުނޫން އަދަދެއް ނެގުމަށް ގާނޫނުގައި ލާޒިމުކޮށް، ސާވިސްޗާޖު ދޭން އިންކާރު ކުރުމުގެ ފުރުސަތު ކަސްޓަމަރަށް ލިބޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނަން ރައްޔިތުންގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ބިލު ދިރާސާކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ އެއްކޮށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި، ސާވިސްޗާޖަށް 10 ޕަސެންޓަށްވުރެ މަދުނޫން އަދަދެއް ނެގުމަށް، ގާނޫނުގައި ލާޒިމުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ހިދުމަތް ދިން ތަނުން ދިން ހިދުމަތާ މެދު ކަސްޓަމަރު ހިތްހަމަނުޖެހިގެން، ސާވިސްޗާޖު ކަނޑާއަޅަން ކަސްޓަމަރު އެދެފިނަމަ ސާވިސްޗާޖު އުނިކުރަންޖެހޭނެ ކަމަށްވެސް ކޮމިޓީން ފާސްކޮށް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލަށް މި އިސްލާހު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވީ ސާވިސްޗާޖު ދިނުމަށް އިންކާރު ކުރުމުގެ ހައްގު ކަސްޓަމަރުންނަށް ލިބިދޭގޮތަށް ހުށަހެޅުއްވީ ގާނޫނުން ދެ ފަރާތުގެ ހައްގު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.