ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި ފަހުން ވޭތުވެދިޔަ ދެމަސް ތެރޭ ބޮލީވުޑްގައި ވަނީ ގިނަ ކަންތައްތަކެއް ހިނގައިފައެވެ. އެގޮތުން ސުޝާންތުގެ މަރުގެ ޒިންމާ އެކަކު އެނަކެއްގެ ބޮލުގައި އެޅުވުމުން ފެށިގެން ގޮސް، ގިނަ ތަރިންގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތައްވެސް ބަދަލުކުރެވިފައެވެ.

އެހެންނަމަވެސް ބޮލީވުޑްގެ މަޝްހޫރު ބަތަލު އާމިރު ހާން ހުރީ މިހުރިހާ ކަމަކާ ވަރަށް ދުރުގައެވެ. ސުޝާންތުގެ މަރާ ގުޅިގެން ތިލަވި ވާހަކަތަކާއި ބެހޭގޮތުންވެސް އާމިރު ވަކިއެއްޗެއް ނުބުނެއެވެ.

ސުޝާންތުގެ މަރާ ގުޅިގެން އާމިރު މިހުރިހާ ދުވަހު ބަހެއް ނުކިޔައި މަޑުން ހުރުމުން އެކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތު މިވަނީ ފާޑު ކިޔައިފައެވެ.

ރިޕަބްލިކް ޓީވީ އަށް ދިން އިންޓަވިއުއެއްގައި، އާމިރު ހާން ސުޝާންތުގެ މައްސަލައާ ގުޅިގެން ހަނު ހުރީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ. ފިލްމު "ޕީކޭ" ގައި އާމިރު އަދި ސުޝާންތު އެކީ މަސައްކަތް ކޮށްފައިވާކަން ފާހަގަކުރަމުން ކަންގަނާ ބުނީ އެވަރުންވެސް އާމިރު ބަހެއް ނުބުނީމަ ހައިރާންވާ ކަމަށެވެ.

ކަންގަނާ ވަނީ އެ އިންޓަވިއުގައި އާމިރުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އަދި ބޮޑެތި ތަރިން ސުޝާންތުގެ މައްސަލައާ އެހާ ބޮޑަށް އަޅައިނުލާކަން ފާހަގަކޮށްފައެވެ. އެގޮތުން ކަންގަނާ ވަނީ ދިޕިކާ ޕަޑްކޯނު ރާނީ މުކަރުޖީ އަދި އަނުޝްކާ ޝަރްމާގެ ނަން ވެސް ފާހަގަކޮށްފައެވެ.