ކޮވިޑް 19އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށް ކިޔަވައިދޭ ވަގުތުތައް އެޑިއުކޭޝަން މިނިސްޓްރީން މަދުކޮށްފިއެވެ.
އެ މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ފަރާތުން ލިބުނު ހިޔާލާއި މަޝްވަރާތަކަށް ފަހު، ކިޔަވައިދިނުން 45 މިނިޓުން 35 މިނިޓުގެ ވަގުތަކަށް މަދުކޮށްފައިވާ ކަމަށާއި އެ ބަދަލާއެކު ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ކިޔަވައިދޭ ވަގުތު މަދުކުރި ނަމަވެސް ކޮންމެ ހަފުތާއަކު ނަގަންޖެހޭ ޖުމްލަ މާއްދާތައް ކުރިއަށް ވުރެ އިތުރުވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ގްރޭޑް 5 އަދި 6 ގެ ދަރިވަަރުންނަށް ކުރިން 19 ޕީރިއަޑް ނަގައިދިން ނަމަވެސް ދެން ނަގައިދޭނީ 24 ޕީރިއަޑްއެވެ. ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް 24 ޕީރިއަޑް ނަގައިދޭން ނިންމާފައިވާ އިރު، ގްރޭޑް 9 އަދި 10އެއްގެ ދަރިވަރުންނަށް ނަގައިދޭނީ 23 ޕީރިއަޑްއެވެ.
މިނިސްޓްރީން ބުނީ، އެ ބަދަލުތަކާއެކު ކިޔަވައިދިނުމުގެ ކަންކަން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަމަޖައްސައިދިނުން އެދޭ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްފަދައިން އާ އާންމު ހާލަތުގައި އަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސެޝަން ގަޑީގެ ތެރެއިން އަތްދޮވުމާއި އެހެނިހެން ކަންކަމަށް އެއް ގަޑިއިރު ލިބޭނެ ގޮތަށް ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށް ވުރެ ދިގުނުވާނެހެން ހަމަޖެއްސެވުން އެދޭކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.
އެ އުސޫލުގައިވާ އަދަދަށް ގަޑި ނުނެގޭ ނަމަ އެ ގަޑިތައް ގެންދާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކޮށް، އަލުން ކިޔަވައިދޭން ފެށީ ތިން މަހަށް ފަހު މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު