ދުބާއީ ކުންފުންޏަށް ދިން ވެންޓިލޭޓަރުގެ ފައިސާ ޖަމާކުރަން ފުރަތަމަ އެދުނީ ޑރ. އަލީ ތަހުމަތީގެ އަމިއްލަ އެކައުންޓަކަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާތީ، އެކަން ތަހުގީގު ކުރުމުގެ މަަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ.
އެ މަސައްކަތުގެ ދަށުން، އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތާއި އެ އޮފީހުގެ އިސްފަރާތްތައް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އޮޑީޓް ރިޕޯޓްގެ ޕްރެޒެންޓޭޝަނެއް އޮޑިޓް އޮފީހުން ވަނީ ކޮމިޓީގައި ހުށަހަޅައިފައެވެ. އެއަށްފަހު ކޮމިޓީގެ މެންބަރުން ވަނީ އޮޑިޓް ރިޕޯޓާ ގުޅިގެން އޮޑީޓާ ޖެނެރަލް އާއި އެއޮފީހުގެ ބޭފުޅުންނާ ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.
އޭގެ ތެރެއިން ވެންޓިލޭތަރުތައް ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް ވެންޓިލޭޓަރު ގެނައުމުގެ ކުރިން އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދިން މައްސަލައިގައި ގިނަ މެންބަރުންތަކެއް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، އެފައިސާ ޖަމާކުރަން ފުރަތަމަ އެދުނީ އަމިއްލަ މީހެއްގެ އެކައުންޓަށް ކަމަށެވެ. ނަމަވެސް އެކަމަށް ފިނޭންސް މިނިސްޓްރީން ދެކޮޅު ހެދުމުން، ފަހުން އެކުންފުނީގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރަން އެދުނު ކަމަށާއި އެހެންކަމުން ފިނޭންސުން އެފައިސާ ޖަމާކޮށްފައިވީ އެ ކުންފުނީގެ ނަމުގައި އޮތް ބޭންކު އެކައުންޓަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން އޮޑިޓާ ޖެނެރަލް އޮފީހުގެ ޑިރެކްޓާ އިބްރާޙިމް ފަޒީލު ވިދާޅުވީ، ފުރަތަމަ އެފައިސާ ޖަމާކުރަން އެދުނީ ޑރ. އަލީ ތަހުމަތީގެ އަމިއްލަ އެކައުންޓަކަށް ކަމަށެވެ. ތަހުމަތީއަކީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭނިންގެ މެޑިކަލް ޑައިރެކްޓާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ، ވެންޓިލޭޓަރު ގަނައުމަށް ފައިސާ ހަވާލުކުރި ދުބާއީ ކުންފުނީގެ ވެބްސައިޓު ވެސް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ތަހުމަތީއަކީ ސްކިންކެއާ ޑޮކްޓަރެއް ކަމަށާއި އޭނާއަކީ ޓްރެއިނިން އިންސްޓިޓިއުޓެއް ހިންގާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވެންްޓިލޭޓަރު ފަދަ އިކުޕްމެންޓްސް ޑީލްކުރާ މީހެއްކަން ހޯދި ހޯދުންތަކުން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އޮޑީޓާ ޖެނެރަލް ވިދާޅުވީ، ފައިސާ ދޫކުރުން އޮންނަނީ މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ޗެކްލިސްޓް ހައްދަވައި ހުށަހެޅުއްވައި، ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ފައިސާ ދޫކުރާ ގޮތަށް ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިިސްޓްރީން އަންގާފައިވަނީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ގެރެންޓީއެއް ނެތި ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓަރު އަންގަވާފައިނުވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ބިޑް ކޮމިޓީން އިވެލްއޭޓް ކުރީ ޖަރުމަނު ބްރޭންޑެއް ކަމަށާއި އެ ބްރޭންޑްގެ އެއްޗެއްގެ އަގަކީ 500،000 ރުފިޔާ ކަމަށެވެ. ނަމަވެސް އެގްރިމެންޓް ކުރިއިރު، އެއްޗެއްގެ އަގު އެއްލައްކަ ރުފިޔާއަށް އަރާ ޗައިނާގެ ބްރޭންޑަކަށް ވެންޓިލޭޓަރު ބަދަލުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު