"ކަސޯޓީ ޒިންދަގީ ކޭ 2" ގައި ޕްރެނާ ޝަރްމާގެ ރޯލު ކުޅޭ އެރިކާ ފާނަންޑެސް އެ ސީރީޒް ދޫކޮށްލަން އުޅޭ ކަމަށް ބުނެ އިންޑިއާގެ ފިލްމީ ހަބަރުތައް ފަތުރާ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެރިކާ ކަސޯޓީ ދޫކޮށްލަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވާ މި ދަނޑިވަޅަކީ ކަސޯޓީގެ އަނޫރާގް ބާސޫގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނު ވެސް ސިއްހީ ސަބަބުތަކާ ހުރެ ކަސޯޓީ ދޫކޮށްލަން ނިންމާފައިވާ ވަގުތެކެވެ. ޕާތުގެ އިތުރުން ސަޕޯޓިން ކާސްޓްގައި ހިމެނޭ ސާހިލް އާނަންދު ވެސް ވަނީ ވަކިވާން ނިންމައިފައެވެ.

އެރިކާ ކަސޯޓީ ދޫކޮށްލަން އުޅޭކަމުގެ ހަބަރުތަކެއް ފެތުރިފައި ވީނަމަވެސް މިހާތަނަށް އެރިކާ އަދި ކަސޯޓީގެ ޕްރޮޑަކްޝަން ހައުސްއިން ވެސް އެ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެރިކާގެ ބަދަލުގައި ޕްރެނާގެ ރޯލުން ދިވިޔަންކާ ޓްރިޕާޓީ ފެނިގެންދާނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައެވެ. އެހެންނަމަވެސް ދިވިޔަންކާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.

މިހާރު ފެތުރިފައިވާ ބައެއް ހަބަރުތަކުގައި ބުނެފައިވާ ގޮތުގައި ޕްރެނާ ރޯލުން އެރިކާގެ ބަދަލުގައި ދެން ފެނިގެންދާނީ އާޝާ ނެގީއެވެ. އެހެންނަމަވެސް އެ ހަބަރު އަދި ކަށަވަރެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އާޝާ ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.