ސަރުކާރުން ކޯޓުތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ފަނޑިޔާރުކަމުން ޝުޖާއު އުސްމާން އިސްތިއުފާދެއްވައިފިއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައި އެކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ޖޭއެއްސީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، މަޖިލީހުން މިއަދު ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ޝުޖާއު އުސްމާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރުން ފާޅުކަންބޮޑު ގޮތެއްގައި ކޯޓުތަކަށާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި މިއަދު ބޭނުންކުރަމުންދާ ހަތިޔާރަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން ކަމަށެވެ.
"މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅެމުންދާ ވަކިވަކި މައްސަލަތަކަށާއި އަދި ހުށަހެޅިފައިވާ ވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރަމުންދާތީ އާއި ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިފައިވާކަމުގެ އިހުސާސްކުރެވޭތީ އާއި މިނިވަންކަމާއި، އަދުލުވެރިކަމާއި، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި ޢަދުލު އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އާއި އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންވެސް އަޅުގަނޑަށް އިންސާފު ނުލިބޭނެކަން ގަބޫލުކުރެވޭ ހިނދު، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 27 ވަނަ މާއްދާއާ ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދު 17 އޯގަސްޓު 2020 ވީ ހޯމަ ދުވަހުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެއެވެ..،" އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޝުޖާއު އުސްމާން ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ އޭނާ މަސައްކަތް ކޮށްފައިވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އަދި ހާއްސަކޮށް ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާގޮތުގެ މަތިން ވަކިފަރާތަކަށް ބެލުމެއް އަދި ޖެހިލުމެއްވެސް ނެތި ކަމަށާއި ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން ޖޭއެސްސީން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އޭނާ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ވަކިފަރާތަކަށް ބެލުމެއް އަދި އެއްވެސް ފަރާތެއްގެ ނުފޫޒަށް ޖެހިލުމެއްވެސްނެތި ހަމަހަމަކަމާއެކު ނިންމި ނިންމުންތަކާ ގުޅިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ސިޔާސީ ހަރަކާތެއްގައި އޭނާ ބައިވެރިވެފައިވާ ކަމަށް ބުނެ ޖޭއެސްސީއަށް އޭނާއާ ބެހޭގޮތުން ހުށަހަޅާފައިވާ ހަމަކަނި ޝަކުވާއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގއ. ގެމަނަފުއްޓަށް ކުރި ދަތުރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ހޯދުމަށްޓަކައި ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް ރައީސް ޔާމީނަށް އެމީހުންގެ ވޯޓު ދީފިނަމަ ބަންދުގައި ހުރި މީހާ ބަންދުން ދޫކޮށްލާނެ ކަމަށް ބުނެ އެ ފަރާތުގެ އާއިލާއާއެކު މަޝްވަރާ ކުރިކަމަށް ބުނެ ހުށަހެޅި ޝަކުވާ ކަމަށް ޝުޖާއު އުސްމާން ވިދާޅުވިއެވެ.
"ތަހުގީގުން އެނގުނު ގޮތުގައި އެ ޝަކުވާ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި ފަރާތަކީ ގއ. ގެމަނަފުށި، ސޯސަންވިލާ / ޒުހުރީ ހުސައިނެވެ. ތަހުގީގު ރިޕޯޓުން ހާމަވި ގޮތުގައި އޭނާއާއެކު އެ މަޝްވަރާ ބައްދަލުވުން ބޭއްވި ކަމަށް އޭނާ ބުނެފައިވަނީ އެރަށު ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު ސޯލިހުގެ ގޭގައެވެ. ނަމަވެސް މުހައްމަދު ސޯލިހު އެކަން ދޮގުކޮށް ނޫސްބަޔާނެއް ނެރެފައިވާކަން ފާހަގަކުރަމެވެ. އަދި އޭގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް މުހައްމަދު ސޯލިހު ދިން ބަޔާނުގައިވެސް އަޅުގަނޑާއެކު އޭނަގެ ގޭގައި އެފަދަ ބައްދަލުވުމެއް އެއްވެސް ފަރާތަކާއެކު ބާއްވާފައި ނުވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަމަށް އެއްވެސް ވަރަކަށް ރިޔާއަތްކުރުމެއްނެތި ހަމައެކަނި އެންމެ ފަރާތަކުން ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އަޅުގަނޑު ހިލާފުވި ކަމަށް ބަލައި ފަނޑިޔާރު ކަމުގެ މަގާމުން އަޅުގަނޑު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ފަނޑިޔާރުންގެ ތެރެއިން އިތުރު ބަޔަކު ފަސޭހަކަމާއެކު ވަކިކުރުމަށް ހުޅުވާލި އިތުރު ދޮރެއްކަމުގައި އަޅުގަނޑު ދެކެމެވެ..،" ނޫސްބަޔާނުގައި އޭނާ ވިދާޅުވިއެވެ.
ޝުޖާއު އުސްމާން ވިދާޅުވީ މިމަހުގެ ދިހަވަނަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި، ގއ. ގެމަނަފުއްޓަށް ކުރި ދަތުރާ ގުޅިގެން އެ ކޮމިޝަނަށް އޭނާ ހާޒިރުކޮށް އެ ޝަކުވާއާ ނުގުޅޭ އަދި ކުރިން އެ ކޮމިޝަނުން އޭނާއަށް އެއްވެސް ގޮތަކަށް އަންގާފައި ނުވާ، އަދި އެއިން ކަމަކާ ގުޅޭ ނޯޓިހެއްވެސް ފޮނުވާފައި ނުވާ މުޅިން ތަފާތު މައްސަލަތަކަކާ ގުޅޭ ސުވާލުތައް ކުރުމުން އިތުރު ހައިރާންކަމެއް ލިބިގެންދިޔަ ކަމަށެވެ.
"އެހެންކަމުން އެކަންކަމަށް އިންކާރުކޮށް ކޮމިޝަނުގެ ސަމާލުކަމަށް އެކަން އަޅުގަނޑު ގެނެސްފައިވާއިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޅުގަނޑާ ބެހޭގޮތުން ކުރިން ދެންނެވި ޝަކުވާއާ ގުޅޭ ރިޕޯޓް އެކުލަވާލިއިރު އަސްލު މައްސަލައާ ނުގުޅޭ ވާހަކަ އެ ރިޕޯޓުގައި ހިމަނާފައިވުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި މުޅިން ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ފާހަގަކުރަމެވެ..،" ނޫސްބަޔާނުގައި އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށްވެފައި އަދި ޝަރުއީ ދާއިރާގައި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ކުރަމުންދާ ހީލަތްތެރި މަކަރުވެރި މަސައްކަތުގެ ސަބަބުން ފަނޑިޔާރުގެ އަދުލު އިންސާފުން ބޭރުވެ ގާނޫނު އަސާސީގައި ބާރުކަނަޑުވާލައި ދައުލަތުގެ މުޅި ނިޒާމު ގަޑުބަޑު ވެގެންދާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
މިއަދު ދިވެހި ފަނޑިޔާރު ގޭގެ ހާލަތަކީ ހަތަރު މުއްގަނޑު ބަނދެ ގުރުބާން ކުރަން ތައްޔާރުކޮށްފައިވާ ބަކަރިއެއްގެ މިސާލު ކަމަށާއި އެގޮތުން ދިވެހި ފަނޑިޔާރު ގޭގެ އެއްވެސް ފަނޑިޔާރަކަށް މާދަމާ ފަނޑިޔާރުގޭގައި ހުރުމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމީ މިއަދު ފެންނާން އޮތް ހަގީގަތެއް ކަމަށް ވެސް ޝުޖާއު އުސްމާން ވިދާޅުވިއެވެ.
ޝުޖާއު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯއްދެވުމަށް މަސައްކަތްކުރެއްވި މައްސަލަ އާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރައްވާނެކަމަށް މަޝްވަރާކުރައްވައިފައިވާ ކަމަށް ހުށަހެޅި މައްސަލައެއް ދިރާސާ ކުރުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު