އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ އާއި އެކީ ފިލްމެއް ކުޅޭ ނަމަ ގޭގައި ހަނގުރާމައެއް ފެށޭނެ ކަމަށް މަޝްހޫރު ބަތަލު ޗަންކީ ޕާންޑޭ ބުނެފިއެވެ.

ޗަންކީ ބުނީ އޭނާގެ ދަރިފުޅު އަނަންޔާ އަކީ ވަރަށް ވާދަވެރި އެންމެ މޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ކުއްޖެއް ކަމަށާއި ޗަންކީ އަކީވެސް އެ މިޒާޖުގެ މީހެއް ކަމަށެވެ. ބޮލީވުޑްގައި ހަރަކާތްތެރިވާތާ 33 އަހަރުވެފައިވާ ޗަންކީ ބުނީ ގޭގައި ހަނގުރާމައެއް ފެށޭނީ ބައްޕައާއި ދަރިފުޅުގެ މެދުގައި ވާދަވެރިކަން އޮތް މިންވަރު ބޮޑުކަމުން ކަމަށެވެ.

އެންމެ ފަހުން ޗަންކޭ ކުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެބް ސީރީޒްއަކުންނެވެ. "އަބޭ 2" ގަ ޗަންކީ ކުޅެފައިވަނީ ނުބައި ބައި މީހެއްގެ ރޯލެވެ. އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ލީޑްރޯލުން ކާތިކް އާރްޔަން އަދި ބޫމީ ޕަޑްނޭކަރް ފެނިގެންދިޔަ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" އިންނެވެ.

އަނަންޔާގެ އެކްޓިންގް ރަނގަޅު ނޫން ކަމަށްބުނެ ގިނަ ބަޔަކު ވަނީ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުވެސް ކިޔައިފައެވެ. އެގޮތުން އަނަންޔާ އަށް ފިލްމު ފެއާ އެވޯޑެއް ލިބުނީ، އޭނާގެ ބައްޕަ ޗަންކީ ޕާންޑޭގެ ނުފޫޒުން ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.