ފުއްޕާމޭގެ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތު، އިތުރު ޓެސްޓްތަކެއް ހެދުމަށް އިއްޔެ ލިލަވަތީ ހޮސްޕިޓަލަށް ހިނގައްޖެވެ.

އިންޑިއާގެ ބޮލީވުޑްގެ ހަބަރު ފަތުރާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭދަތު އިއްޔެ އިތުރު ޓެސްޓު ތަކެއް ކުރުމަށް ލިލަވަތީ ހޮސްޕިޓަލަށް ގޮސްފައިވަނީ އޭނާގެ ދައްތަ ޕްރިޔާދަތުއާ އެކުގައެވެ. ސަންޖޭ ހޮސްޕިޓަލަށް ގޮސްފައިވަނީ ފޭސް ޝީލްޑް އަޅައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ސަންޖޭގެ ގާތް އެކުވެރިއަކާ ހަވައިލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަންޖޭގެ އާއިލާއިން އަންނަނީ އިތުރު ފަރުވާއަށް ދާނެ ގައުމަކާއި މެދު މަޝްވަރާ ކުރަމުންނެވެ. 1980 ވަނަ އަހަރު ސަންޖޭގެ މަންމަ ވަނީ ކެންސަރު ބަލި ޖެހިގެން ޔޫއެސް އަށް ގޮސް ފަރުވާ ހޯދައިފައެވެ. ސަންޖޭގެ އާއިލާއިން އަންނަނީ އިތުރު ފަރުވާއަށް ސިންގަޕޫރަށް ދިއުމަށްވެސް މަޝްވަރާ ކުރަމުންނެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ސަންޖޭ އިތުރު ފަރުވާއަށް ދާނެ ގައުމު އޭނާގެ އާއިލާއިން ނިންމާނެ ކަމަށްވެސް ސަންޖޭގެ އެކުވެރިޔާ ބުންޏެވެ.

ސަންޖޭއަށް ވަނީ ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހަތަރު ދުވަސްވަންދެން ފަރުވާވެސް ދީފައެވެ. އެގޮތުން ނޭވާލާން އުނދަގޫވާތީ އޭނާއަށް ކޮވިޑް 19 ޖެހިފައި ހުރިތޯ ބެލުމަށްވަނީ ޓެސްޓް ވެސް ކޮށްފައެވެ. ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އޭގެ ފަހުން ހެދި ޓެސްޓްތަކުން ވަނީ ސަންޖޭ އަށް ފުއްޕާމޭގެ ކެންސަރު ޖެހި ތިންވަނަ ސްޓޭޖްގައި ހުރިކަން އެނގިފައެވެ.