ކޮވިޑާ ގުޅިގެން ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32.9 މިލިއަން ރުފިޔާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްގެން އެއްވެސް ސާމާނެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ގޮތުން ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހާއި އެސްޓީއޯ އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރީޓީ (އެންޑީއޭއެމް) އިން ކަމަށެވެ. ނަމަވެސް މި މުއާމަލާތުގެ ދަށުން ހޯދޭ ތަކެތީގެ ސްޓޮކް ރެކޯޑުތައް ހެލްތު މިނިސްޓްރީން ބަލަހައްޓާފައި ނުވާތީ އެސްޓީއޯ އިން އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކް ބާކީގެ ގޮތުގައި ހުންނަންޖެހޭ މިންވަރާއި، ހުރި މިންވަރު އެ މިނިސްޓްރީއަށް އެނގެން ނެތް ކަމަށެވެ
މިހާތަނަށް ލިބިފައިވާ މުދަލުގެ ފައިސާގެ އަދަދާއި ނުލިބި ހުރި މުދަލަށް ޖެހޭ ފައިސާގެ އަދަދު ބަލަހައްޓާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިިވެއެވެ.
އެސްޓީއޯއާ ހޯދަން ހަވާލުކުރި ތަކެއްޗަކީ 50،000 ސާޖިކަލް ގައުނާއި 9975 ހެޒްމެޓް ސޫޓާއި 10،000 ޑިސްޕޮސެބަލް ފޭސް ޝީލްޑާއި 4950 ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް އާއި 10،000 ޑިސްޕޮސެބަލް ޝޫ ކަވަރާއި 9000 ޑިސްޕޮސެބަލް ހެޑް ކަވަރު (ސާޖަން ކެޕް) އާއި 1000 އެންކަލް ބޫޓާއި 50 ބޮޑީ ބޭގް އަދި 256،000 3 އެމް، އެން 95 މާސްކެވެ.
މީގެ ތެރެއިން ލިބިފައިވަނީ އެންމެ 2000 ސާޖަން ކެޕް ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ވަނީ މާލިއްޔަތުގެ ގަވާއިދުގެ 16.11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އެޑްވާންސްކޮށް ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން، ލިބުނު ތަކެއްޗާއި ބޭނުންކުރުމަށް ދޫކުރެވުނު މިންވަރު އަދި ބާކީގެ ހިސާބު ހެލްތު މިނިސްޓްރީން ބެލެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު