ލުބުނާނުގައި ހިނގި ގޮވުން ތަހުގީގު ކުރުމަށް އެފްބީއައި އިން ބޭރޫތުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައިހުރި ގުދަނެއް ގޮވައި ބޭރޫތުގައި ހިނގި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް އެގައުމުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ.

އެމެރިކާގެ އަންޑަ ސެކްރެޓްރީ ފޯ ޕޮލިޓިކަން އެފެއާޒް ޑޭވިޑް ހާލެ ވަނީ މިތަހުގީގު ދެފުށް ފެންނަ ތަހުގީގަކަށް ހެދުމަށް އެފްބީއައިގެ ޓީމު ލުބުނާނުގެ ތަހުގީގީ ޓީމާއެކު ހަރަކާތްތެރިވާނެކަމަށް ބުނެފައެވެ.

ލުބުނާނުގެ ތަހުގީގީ ޓީމާއެކު ބައިވެރިވުމަށް ފްރާންސުން ވެސް ވަނީ ހާއްސަ ޓީމެއް ލުބުނާނަށް ފޮނުވައިފައެވެ.

މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ ގޮތުގައި ބޭރުތުގައި ގޮވި ކެމިކަލް ގުދަނުގެ މައުލޫމާތު އެގައުމުގެ ސަރުކާރުގެ އިސްފަރާތްތަކަށް ވަނީ ލިބިފައެވެ.

ގޮވުމުގެ ހާދިސާ ހިނގުމާއެކު އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ މީގެ ކުރިން ވަނީ ކެބިނެޓް ތިން ވަޒީރުންގެ އިތުރުން މަޖިލީހުގެ ހަތް މެންބަރުން އިސްތިއުފާވެސް ދެއްވައިފައެވެ.

ލުބުނާނުގައި ހިނގައިދިޔަ ގޮވުމުގެ ހާދިސާއާއެކު އެގައުމުގެ އެތެރޭގެ ހާލަތު ގޯސްވެފައިވާ އިރު، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ މުޒާހަރާ ކުރަމުންނެވެ. ލުބުނާނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ބޭރުގެ ގައުމުތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކާބޯތަކެތީގެ އެހީގެ އިތުރުން ސިއްހީ އެހީވެސް ގައުމުތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.