އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނުގުޅާނެ ކަމަށާއި މިއީ އޭނާގެ ފައިޓެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފައްޔާޒު މިރޭ ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮވެ، އެމްޑީޕީ ސަރުކާރުގެ ވަޒީރެއްގެ ނޯ ކޮންފިޑެންސް ނެގުމުގެ ގާބިލުކަން ނުވަތަ ހިތްވަރު ރާއްޖޭގައި އުފައްދައިދެވިއްޖެ ކަމަށާއި އެއީ ވަރަށް އުފާވާކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި އެވަރުގެ ކަމެއް ކޮށްފައި އޮތްނަމަ އެކަމެއް ހިއްސާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ގޯސްކަމެއް ތަކުރާރު ވާނަމަ އެކަން އިޝަރާތް ކުރާނެ ކަމަށާއި އެފަދަ އިޝާރާތެއްވެސް އައިސްފައިނުވާ ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް ސޮއިކުރަމުންދާކަން ވެސް އެނގުނީ އިއްޔެ ހެނދުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"25 ކަމެއް 30 ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ނުވެސް ބަލަން. އެކިއެކި ބޭފުޅުން ސޮއި ކުރި ވާހަކަވެސް އިވޭ. އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ނުވެސް ގުޅާނަން. މީކީ އަޅުގަނޑުގެ ފައިޓެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވިޔަސް އަދި އެހެން މެންބަރުން ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާ ބަހައްޓަން ނުފެންނަ ކަމަށް ވޯޓު ލައިފިއްޔާ އެކަން އެނިމުނީ ކަމަށެވެ. އެކަމާމެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި އޭނާގެ މަސައްކަތައިގެން ކުރިއަށްދާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އޭނާއަކީ ވަރަށް އިހުލާސްތެރިކަމާ އެއްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އޭނާގެ 24 ގަޑިއިރު ހޭދަކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް އަޅުގަނޑުގެ ކުރާ މަސައްކަތާ ގުޅިގެން ނޫނިއްޔާމު ގާނޫނީ ގޮތުން ހަމަ އެންމެ އިންޗިއެއްވެސް ނޯންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހުމެއް އޮވެދާނެ. އަޅުގަނޑަކީ އެކި މީހުންނަށް އެކި ކަހަލަ އިމޯޝަން ނުކުންނަ މީހެއް. ވާހަކަ ދެއްކުން ހުންނަ ގޮތާ މިކަންކަމަށް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާއާ ނުބެހޭ ކަންކަމާ ބެހޭ ކަމަށް ބައެއް ފަރާތްތަކުން އިނގިލި ދިމާކޮށްފައި ބުނާ ކަމަށާއި އެއީ ތެދެއް ކަމަށެވެ. ކަމެއް ގޯސްކޮށްދާނަމަ ނުވަތަ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއްގައި އެފަދަ ކަމަކާ ބެހޭ މިނިސްޓަރަކާއި ނުވަތަ އެދާއިރާއެއްގެ މަޖިލިސް މެންބަރާ ގުޅުއްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ހިއްސާކޮށް، އަވަސް ކުރަންޖެހޭ ކަންކަން ދަންނަވާފައިވެސް ވާނެ ކަމަށެވެ.