ޓްރެފިކް މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ އަދަދު 10,000 ރުފިޔާއަށް ވުރެ އިތުރުވާ މީހުން އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި، އެފަދަ މީހުން މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭގޮތަށް ގާނޫނަށް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހުށަހަޅައިފިއެވެ.
ކޮމިޓީން އެ އިސްލާހު ހުށަހަޅާފައިވަނީ، ކޮމިޓީން ދިރާސާ ކުރަމުންގެންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ބިލުގައި ހިމެނުމަށެވެ.
އުޅަނދު ފަހަރު ދުއްވާނެ ވަކި ބާރުމިނެއް ކަނޑައަޅައި، ކުރާނެ ޖޫރިމަނާތަކެއް ވެސް، އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ހިމެނުމަށް ވެސް ކޮމިޓީން ވަނީ ބިލަށް ހުށަހަޅައިފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެނެމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އެކަން ތަކުރާރުކޮށްފިނަމަ ދެން ވާނެ ގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ވަނީ ހިމަނައިފައެވެ.
އެކަން އިތުރަށް ތަކުރާރު ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެއަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެ ނަމަ ކޯޓު އަމުރެއްގެ ދަށުން އެމީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000 ރުިފޔާއިން ޖޫރިމަނާކުރުމާއެކު އެމީހަކު ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް ވެސް ހިމަނާފައިވެއެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދުފަހަރު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވިމީހާގެ ލައިސަންސް ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ކަމަށްވެސް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު