ޖަލުގައި ޖާގަ ނެތިގެން މަސްތުވާތަކެތީގެ މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެމީހާއަކީ މަސްތުވާތަކެތިި ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ މީހެކެވެ.

ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މެއި މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ރިމާންޑް ޖަލެއްގައި ބަހައްޓާފައި ނުވާތީއެވެ.

ރިމާންޑް ޖަލަކަށް އޭނާ ބަދަލުނުކޮށް، ފުލުހުންގެ ބަންދުގައި ބެހެއްޓީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުން ކަމަށް ފުލުހުން ކޯޓަށް އަންގާފައިވެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކުއެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތްގޮތުން ތަހުގީގު ނިމި، ދައުވާ އުފުލިފައިވާ މީހުން ބަންދުގައި ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށް އެ ކޯޓުން ހުކުމް ކުރިއެވެ.

ރިމާންޑް ޖަލެއްގައި ބަހައްޓާފައި ނުވަނީ ޖަލުގައި ޖާގަ ނެތުމުން ކަން ފުލުހުން ކޯޓަށް އަންގާފައިވާތީ އޭނާ ދޫކޮށްލަން ކުރި އަމުރު ރަނގަޅު ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ދައުލަތުން ހައި ކޯޓުގައި ބުނެފައިވަނީ އެ މީހާ ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވުނީ ކޮވިޑް 19 އާ ގުޅިގެން ޖަލު ފުރިފައިވާތީ ކަމަށާއި އެއީ ޒަރޫރީ ހާލަތެއް ކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން މިފަދަ ހާއްސަ ހާލަތްތަކުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި މީހުން ބަންދު ކުރެވިދާނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ފަހުން ގެނައި އިސްލާހުގައި ބުނާ ހާއްސަ ހާލަތު އެ މައްސަލައިގައި ހިންގެން ނެތް ކަމަށެވެ. ސަބަބަކީ އެ އިސްލާހު އޮތްގޮތުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މީހުން ބަންދު ކުރެވޭނީ ތަހުގީގު މަރުހަލާގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ކަމަށް ވެފައި، އެ މައްސަލައަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދު ކުރަންޖެހޭ ބާވަތުގެ މައްސަލައަކަށް ވުމުން ކަމަށްވެސް ބުނެފައިވެއެވެ.