މި ނާޒުކު ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، މަގާމުން ދުރުކުރުމަކީ އިގުތިސޯދަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަނުން މިރޭ ބުނެފިއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ އިރު، އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
އެކަމާ ދެކޮޅަށް ޓްރޭޑް ޔޫނިއަނުން މިރޭ ކުރި ޓުވީޓުތަކެއްގައި ވަނީ މި ނާޒުކު ދަނޑިވަޅުގައި މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމަކީ ގައުމުގެ އިގުތިސޯދަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށާއި މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދީ މިސްރާބު މިވަގުތު ހުރީ ރަނގަޅަށް ކަމަށްވެސް އެ ޔޫނިއަނުން ބުންޏެވެ.
އިގުތިސޯދީ ގޮތުން މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާ ހީނަރުކަމުން އަރައިގަތުމުގައި ވިޔަފާރިވެރިންނާއި ސަރުކާރުން ގުޅިގެން މިހާރު ކުރަމުން އަންނަ މުހިންމު މަސައްކަތްތައް ވަޅުޖެހުނަ ނުދިނުމަކީ އެ ޔޫނިއަންގެ އިލްތިމާސެކެވެ.
"މި މަސައްކަތް ކާމިޔާބު ކުރުމަށް މިނިސްޓަރު ފައްޔާޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް މި ޔޫނިއަންގެ ފުރިހަމަ ތާއީދު އޮތް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަން،" ޓުވީޓުގައިވެއެވެ.
ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެއެވެ.
ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ ވެއްދުމަށް ނަޝީދު މަސައްކަތްކުރައްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް 20 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ވަނީ ސޮއިކޮށްފައެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ބައެއް އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަވަން ފައްޓަވައިފައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ 13 މެންބަރަކު ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވައި ޓުވީޓު ކުރައްވައިފައެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިތުބާރު ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އޭނާގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް ވެސް ވަނީ ފައްޔާޒަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށާއި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އެބަ އޮތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު