ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ކްރިއޭޓިވް ޕިޗް ރައިޓިންގް މުބާރާތެއް ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މުބާރާތް ކުރިއަށް ގެންދަން ނިންމައިފައިވަނީ މިމަހު 31ގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުން ޒުވާނުން ކްރިއޭޓިވް ޕިޗް ހުށަހަޅަން ޖެހޭނީ ދުވަހުގެ ޝިއާރު ކަމަށްވާ "ޔޫތު އެންގޭޖްމަންޓް ފޯ ގްލޯބަލް އެކްޝަން"ގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ޝިއާރަށް ކްރިއޭޓިވް ޕިޗް ލިޔެ މިނިސްޓްރީގެ މެއިލް [email protected] އަށް މިމަހު 31ގެ 14:00 ގެ ކުރިން ފޮނުވުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން އެންމެ ރަނގަޅު ތިން ޕިޗް ހުށަހަޅާ ތިން މީހުންނަށް 5،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކްރިއޭޓިވް ޕިޗަކީ ވަކި ޝިއާރެއް ނުވަތަ މައުލޫއަކަށް ލިޔާ އެ މައުލޫ ނުވަތަ ޝިއާރެއްގައިވާ ކަމެއް އިސްތިހާރު ކުރާނެ ގޮތް އެޑްވަޓައިސިން އެޖެންސީއަކަށް ހުށަހެޅުމަށް ލިޔާ ލިޔުމެކެވެ. އެގޮތުން ވަކި ކަމެއް އިސްތިހާރު ކުރުމަށް ކުރެވިދާނެ އެކި ކަންކަމާއި އާންމުންނަށް ކަމުދާނެ ގޮތަކަށް އިސްތިހާރު ގެނެވިދާނެ އެކި ގޮތްގޮތް ކްރިއޭޓިވް ޕިޗުގައި ހިމެނޭނެ އެވެ.

އެގޮތުން މި މުބާރާތަށް ކްރިއޭޓިވް ޕިޗް ހުށަހަޅާއިރު މައިގަނޑު މައްސަލަ، ގޯލް، ޕްރޮގްރާމްގެ ތަފްސީލު، ޕްރޮގްރާމްގެ ޓައިމްލައިން، އާންމުންގެ ސަމާލުކަން ހޯދައި އާންމުން ހިމެނިގެން ކުރިއަށް ގެންދާނެ ގޮތެއް، ޕިޗްގައިވާ ކަންކަން ކުރާނެ ވަކި ގައިޑްލައިނެއް އަދި ބަޖެޓަކާއި އިތުރު އެކި ޕްލޭންތައް ހިމަނަން ޖެހޭނެ ކަމަަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު https://www.gov.mv/dv/publications/creative-pitch-writing-contest މެދުވެރިކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.