މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފަރާތުން ވެމްކޯ މުވައްޒަފުންނަށް 1،400 ފޮތި މާސްކު ހަދިޔާކޮށްފިއެވެ.
ވެމްކޯގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މާސްކުތައް ވެމްކޯއާ ހަވާލުކުރީ އެމްއެސްޖީއެފްގެ މެންބަރުންނެވެ. ވެމްކޯގެ ފަރާތުން މާސްކުތަކާ ހަވާލުވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ވެމްކޯއަށް 1،400 މާސްކު ހަދިޔާ ކުރި ކަމަށްޓަކައި އެމްއެސްޖީއެފްގެ ވެރިންނާއި މެންބަރުންނަށް ޝުކުރު އަދާ ކުރައްވައި އާދަމް ވިދާޅުވީ، ވެމްކޯގެ މުވައްޒަފުންނަކީ ކޮވިޑުގެ ތެރޭގައި ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންގެންދާ ބައެއް ކަމަށެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑުގެ ތެރޭގައި ވެމްކޯގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި އާދަމް އިތުރަށް ވިދާޅުވީ، އެކުންފުންޏަށް އެހީ ލިބެނީ މަދުން ކަމަށާއި ނަމަވެސް މުވައްޒަފުންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް އެކުންފުނިން ފޯރުކޮށްދޭ ކަމަށެވެ. އަދި ވެމްކޯގެ މުވައްޒަފުން މަގުތަކުން ކުނި ނަގާއިރު، އެއްވެސް ރައްކާތެރިކަމެއް ނެތި މަގުތަކަށް މާސްކު އުކާފައި ހުންނަ ކަމަށާއި އެކަމަކީ ބައްޔަށް މަގުފަހިވާ ކަމެއް ކަމުން އެގޮތަށް އެކަން ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާދަމް އިތުރަށް ވަނީ، ބައެއް ގެތަކުންނާއި ކުންފުނިތަކުން އަދިވެސް ވެމްކޯގައި ރަޖިސްޓްރީ ނުކުރާތީ ކުނި ނެގުމަށް އެފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރަން ވެސް އެދިފައެވެ.
"މިހާރު އަޅުގަނޑުމެން ކުނި މި ނަގަނީ ގޭގެ ތިރިން. އެހެން ނަގާއިރު ނޭނގޭނެ މިއީ ކޮން ގެއެއްގެ ކުންޏެއް ކަމެއް. އެހެން އެބަ ހުރޭ ރަޖިސްޓްރީ ނުކުރާ ތަންތަނުގެ ކުނި ވެސް. އެހެންކަމުން އަޅުގަނޑުމެން އެދެން އެފަރާތްތަކުން ވެސް ރަޖިސްޓްރީކޮށްގެން ވެމްކޯގެ ހިދުމަތް ހޯދުމަށް،" އާދަމް ވިދާޅުވިއެވެ.
ވެމްކޯގެ މެޖޯރިޓީ މުވައްޒަފުންނަކީ ދިވެހިންނެވެ. ކޮވިޑުގެ ތެރޭގައި ވެސް ވެމްކޯގެ މުވައްޒަފުން ކުރީސަފުގައި މަސައްކަތް ކުރި އިރު، އެކުންފުނީގެ މުވައްޒަފަކަށް އޮފީސް މާހައުލުގެ ތެރެއިން ކޮވިޑް ޖެހިފައިނުވާކަން އާދަމް ފާހަގަކުރެއްވިއެވެ.
އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު