ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލް ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މީހަކު ފިހިއްޖެއެވެ.
އެމްއޭސީއެލުން ބުނީ މިއަދު އިރުއޮއްސި 6:15 ހާއިރު، އެއާޕޯޓްގެ ސީޕްލޭން ޓާމިނަލް ކައިރީ ހުންނަ ތެޔޮ ރައްކާ ކުރާ ގުދަނުގައި ރޯވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެމްއޭސީއެލްގެ މުވައްޒަފަކު ފިހިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ފިހުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގައި ތެޔޮ ގުދަނަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ސާފެއް ނުވެއެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓްގެ ރެސްކިއު އެންޑް ފަޔާފައިޓިން ޓީމުން ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލާފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްގެ ސޭފްޓީ ޑިޕާޓްމެންޓުން މި ހާދިސާގެ އިންޓާނަލް ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު