ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި ފަހުން މިހާރު ދެމަސް ވާން ކައިރިވެފައި ވީނަމަވެސް އަދިވެސް، އޭނާގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.

ސުޝާންތުގެ މަރުގެ މައްސަލަ އޭނާގެ އާއިލާގެ އެދުމުގެ މަތިން މިހާރު ތަހުގީގު ކުރަމުން އަންނަނީ ސީބީއައިގެ ފަރާތުންނެވެ. ސީބީއައި އިން އެ މައްސަލަ ތަހުގީގު ކުރަން ފެށުމާއެކު އެންފޯސްމެންޓް ޑައިރެކްޓްރޭޓްގެ އޮފީހުން އަންނަނީ ސުޝާންތުގެ މަރާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންނެވެ.

ސުޝާންތުގެ މަރާ ގުޅިގެން ބަލަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށް ދެވަނަ ފަހަރަށް މިވަނީ ސުޝާންތުގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީ މުމްބާއީގައި ހުންނަ އީޑީގެ އޮފީހަށް ހާޒިރުކޮށްފައެވެ. އެމައްސަލައާ ގުޅިގެން ރިއާ އެންމެ ފުރަތަމަ އީޑީގެ އޮފީހަށް ހާޒިރުކުރީ މިމަހުގެ 6 ވަނަ ދުވަހެވެ.

ރިއާ މިއަދުވެސް ތަހުގީގަށް އީޑީގެ އޮފީހަށް ހާޒިރުވެފައިވަނީ އޭނާގެ ބޭބެ ޝޯވިކް ޗަކަރަބޮޓީއާ އެކުގައެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުރަތަމަ ރިއާ އެ އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އޭނާގެ ފްލެޓް ޕްރޮޕަޓީސް އާ ބެހޭ ގޮތުންނެވެ.