ކޮންމެ މަހަކަށް އެއް ބިލިއަން ރުފިޔާ ޗާޕުކޮށް، ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެބޮޑު ނުރައްކާ ކަމަށް ކުރީގެ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ސަރުކާރުން ހަތަރު ބިލިއަނެއްހާ ރުފިޔާ އޯވާޑްރޯކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.

އެމްއެމްއޭއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޓެގް ކުރައްވައި ސައީދު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު، 19 ރުފިޔާއަަށް އުފުލިއްޖެ ކަމަށެވެ. އަދި ބާޒާރުގެ އަގުތައް، ބޮޑުވެއްޖެ ކަމަށާއި ރައްޔިތުންގެ ޖީބު ހުސްވެއްޖެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ބާޒާރުގެ އަގުތައް ބޮޑުވެއްޖެ. ރައްޔިތުންގެ ޖީބު ހުސްވެއްޖެ. މިކަން ހުއްޓުވަން ޖެހޭ،" ސައީދު ވިދާޅުވިއެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި، ސަރުކާރަށް ދޫކޮށްފައިވާ ފައިސާގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ވަނީ ހިމެނިފައެވެ. މިއީ ދައުލަތަށް އާމްދަނީ ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ހަމަޖައްސައިދޭން އެމްއޭއޭއިން ދިން ފައިސާއެވެ.

މިދިޔަ ޖޫން މަހު ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޯވާޑްރޯގެ ގޮތުގައި ނަގާފައިވާ ފައިސާ އާއި އެނޫން ގޮތްގޮތަށް ސަރުކާރަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާއެވެ.