ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާންދިއުމުގެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ދައުވާ ބާތިލުކޮށް، ދޫކޮށްލި ރ. ކަނދޮޅުދޫ ކަށިމާގެ އަލީ ޝަފީގަށް އަލުން ދައުވާކުރަން، ޕްރޮސިކިއުޓާ ޖެނެރަލުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއެއް ބާތިލުކޮށް، ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ ޖުލައި 23 ގައެވެ.

ޝަފީގުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކުރީ 2016 ގައި ތުރުކީއަށް ގޮސް، ހަނގުރާމައިގައި ބައިވެރިވާން ސީރިއާއަށް ދާން އުޅުނު ކަމަށް ބުނާ މައްސަލައެއްގައެވެ. ޝަފީގާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި އޭނާ ތުރުކީ މަގުން ސީރިއާއަށް އެތެރެވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޝަފީގަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮން ހެދުމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތު ކުރި މީހެކެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވެއެވެ.

އޭގެ ފަހުން، އަފްޣާނިސްތާނު-ޕާކިސްތާނު ބޯޑަރު ކައިރިން އިތުރު އަށް ދިވެއްސަކާއެކު ހަތިޔާރު އަޅައިގެން ތިއްބައި 2009 ވަނަ އަހަރު ވެސް ޝަފީގު ހައްޔަރުކުރިއެވެ. އެކަމަކު، އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފައެއް ނުވެއެވެ.

ޝަފީގުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:45 އަށެވެ.