ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް އިންސާފު ލިބިފައިނުވާތީ ހިތްދަތިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވުމުން އެކަމަށް ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ރައްދު ދެއްވައިފި އެވެ.

2014 ވަނަ އަހަރު އޮގަސްޓު މަހު އަށްވަނަ ދުވަހުގެ ރޭ ރިލްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރުމާ ގުޅިގެން އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްކާތެރިކަމާއެކު ރިލްވާން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި އިރު، މިހާރު އޭނާއަށް އިންސާފު ނުލިބިފައިވާތީ ހިތަށް އަސަރުކުރާ ކަމަށެވެ. ނަމަވެސް އެކަމުގައި އުންމީދު ކަނޑާނުލާ ކަމަށާއި ރިލްވާންގެ ހަނދާންތައް އަބަދުވެސް ދެމި ހުންނާނެ ކަމަށް އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އީވާގެ އެ ޓުވީޓަށް ރައްދުދެއްވައި ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީވާ ވިދާޅުވި ބަސްތަކުން ނުފުދޭނެ ކަމަށެވެ. އަދި އެދިވަޑައިގެންނެވި ހުރިހާ ބާރެއް ރައްޔިތުން އަރުވާފައިވާއިރު، އިންސާފު ހޯދައިދިނުމުގައި ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

"ފައިންޑްމޮޔަމީހާ އަކީ ހޭޝްޓެގެއް ނޫން. އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިމާޒެއް. އިންސާފު ކަށަވަރުކޮށްދެއްވައި،" ދިޔާނާގެ ޓުވީޓުގައި އެދިވަޑައިގެންފައިވެ އެވެ.

ރިލްވާންގެ އާއިލާ އިން ވެސް މިއަދު ވަނީ އޭނާގެ މައްސަލައަށް އިންސާފު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދިން އިން އިންޓަވިއުއެއްގައި ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން ވަނީ އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް، ހާއްސަކޮށް ފުލުހުންގެ މުއައްސަސާ ފެއިލް ވެފައިވާތީ ކަމަށް ބުނެފައެވެ.

2014 ވަނަ އަހަރު އޮގަސްޓުމަހުގެ އަށްވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިފައިވަނީ ހުޅުމާލެއިން އޭނާ ދިރިއުޅޭ ގޭގެ ކައިރިންނެވެ. މަރު ކޮމިޝަނުން ވަނީ އެ ރޭ ރިލްވާން ގަދަ ކަމުން ކާރަށް އަރުވައިގެން، ހުޅުމާލޭ ފަޅުގައި އަޅާފައިވާ ޑިންގީއަކަށް ގެންދިޔަކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ޑިންގީގައި އޭނާ އިތުރު އުޅަނދަކަށް ގެންދިޔަ ކަމަށާއި، އޭނާ މަރާލީ އެ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.