ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. އަތޮޅުގެ ތިން ރަށެއްގެ ބައެއް ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ވެއްޖެއެވެ.

ވިއްސާރައިގައި ފެން ވަދެފައިވަނީ ކުރެންދޫ، ނައިފަރު އަދި ހިންނަވަރުގެ ބައެއް ގެތަކަށެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ހަ ގެޔަކަށް ފެން ވަނުމާ ގުޅިގެން އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 4:17ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ނައިފަރަށް ބޯކޮށް ވާރޭ ވެހި، އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، ހަތަރު ގެއަކަށް ފެން ވަނުމާ ގުޅިގެން ފެން ހިއްކުމަށް އެމްއެންޑީއެފް ނޯދާން އޭރިއާ، ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ވިއްސާރައިގައި ޅ. ހިންނަވަރުގައި ފެންބޮޑުވެ ތިން ގެޔަކަށް ފެންވަތް ކަމުގެ ރިޕޯޓް މިރޭ 7:27 ގައި ލިބިގެން އެމްއެންޑީއެފް ނޯދާން އޭރިއާ، ނައިފަރު ފަޔާ ސްޓޭޝަންގެ ސިފައިން ފެން ހިއްކާ ޕަންޕާއެކު ހިންނަވަރަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.