ލުބުނާނުގެ ބޭރޫތުގައި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވީ 2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުން ކަމަށް އެގައުމުން ބުނެފިއެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި މިގޮވި ގޮވުމުގެ އަސަރު ކައިރި ބޮޑު ސަރަހައްދަކަށް ކޮށްފައިވާއިރު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ހާދިސާގައި މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 3000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ލުބުނާނުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށާފައިވާ އިރު، އެގައުމުގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ފަހުމީ ވަނީ މިހާތަނަށް ހޯދިފައިވާ ހޯދުންތައް ހާމަކޮށްދެއްވައިފައެވެ.

އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ބޭރޫތުގެ ޕޯޓު ސަރަހައްދުގައި ގޮވާފައިވަނީ އެތަނުގައި ގުދަން ކޮށްފައި ހުރި 2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި އަލިފާން ރޯވެ ގޮވުމުގެ ސަބަބުން ކަމަށެވެ. މި ކެމިކަލްތައް 2014 ވަނަ އަހަރުން ފެށިގެން ގުދަން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕޯޓުގައި ގޮވި މަންޒަރު ދުށް ފަރާތްތަކުން ވަނީ އޮރެންޖު ކުލައިގެ ބޮޑު ވިލާގަނޑެއް އުފެދިގެން ދިޔަ ކަމަށް ބުނެފައެވެ. ތަޖުރިބާކާރުން ވަނީ އެއްޗެއް ގޮވާއިރު އޭގެން ނައިޓްރޯޖެން ޑައިއޮކްސައިޑް ބޭރުވާނަމަ އޮރެންޖު ކުލައިގެ ދުން ފެންނާނެ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގި ވަގުތު ގިނަ ބަޔަކު ވަނީ މަންޒަރު ވީޑިއޯ ކޮށްފައެވެ. ވޯޑިއޯއިން ފެންނަގޮތުން ޕޯޓުގައި އަލިފާން ރޯވެ ދުން އެރުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ބާރުގަދަ އަޑަކާއެކު ގޮވާ މަންޒަރު ފެނެއެވެ.

ޖަރުމަނުގެ ޖިއޯސައިންސް ސެންޓަރުން ވަނީ ބޭރޫތުގައި ގޮވި ގޮވުމާއެކު 3.5 މެގްނިޓިއުޑްގެ ބިންހެލުމެއް އެ ސަރަހައްދުން ރެކޯޑު ކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި ބޭރޫތުގެ ޕޯޓުން ފެށިގެން 200 ކިލޯމީޓަރު ދުރުން ސައިޕްރަސްއާ ހަމައަށް ގޮވުމުގެ އަޑު އިވިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.