އިންޑިއާއިން ރާއްޖެއަށް ދިން ކްރެޑިޓް ފެސިލިޓީން މިފްކޯގެ ހިދުމަތްތައް ފުޅާކުރަން ނިންމައިފިއެވެ.
ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ރާއްޖެއަށް ވަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދީފައެވެ. އެ އެހީގެ ދަށުން 18 މިލިއަން ހާއްސަކޮށްފައިވަނީ މިފްކޯގެ ވަސީލަތައް އިތުރުކުރުމަށާއި ފެސިލިޓީތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުން ދިން ކްރެޑިޓް ފެސިލިޓީގެ ދަށުން މިފްކޯއިން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޅ. ފެލިވަރުގައި ހުންނަ މަސް ފެކްޓަރީގައި މަސް ގަނެ އެތަނުގައި މަސް ރައްކާކުރާނެ ފެސިލިޓީ ގާއިމުކޮށް، ޓޫނާ ކުކްޑް ލޮއިންސް ޕްލާންޓަކާއި ފިޝް މީލް ޕްލާންޓެއް ގާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން 100 މެޓްރިކް ޓަނުގެ އައިސް ރައްކާކުރެވޭ ގޮތަށް ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް އިންޑިއަން ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާގެ އެހީގައި މިފްކޯއިން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ކޮންސަލްޓަންޓުން ކަނޑައަޅާނީ ރާއްޖެއިން ކަމަށް އިންޑިއަން ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ ސަަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އާރޯކަމެއް އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ 20 އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު