ޚަބަރު

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާއިން ޕީވީސީ ޕްރެޝާ ހޮޅި އުފައްދައި ބާޒާރަށް ނެރެނީ

އަލީ ޔާމިން

އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުހާނާއިން ޕީވީސީ ޕްރެޝާ ހޮޅި އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީއިން ވަނީ 2015 ވަނަ އަހަރު ކ.ގުޅީފަޅުގައި ހޮޅި އުފައްދާ ކާރުހާނާއެއް ގާއިމުކޮށްފައެވެ. އެ ކާރުހާނާއިން ހޮޅި އުފައްދަނީ ޖަރުމަނުގެ "ކުރައުސް މަފެއި" ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝިނަރީއާއި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވާވިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން، އީ.އެން އަދި އައިއެސްއޯ ސްޓޭންޑާޑްއަށް ފެތޭ ގޮތަށެވެ. ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ލެބޯޓަރީއެއްވެސް އެ ކާރުހާނާގައިވަނީ ގާއިމުކުރެވިފައެވެ. އެ ކާރުހާނާއިން އުފައްދާ އެކި ސައިޒުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަަދަ ތަފާތު އެކިއެކި މަޝްރޫއުތަކުގައި ބޭނުންކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރުވެފައެވެ.

ފެނާއި ނަރުދަމާގެ މަސައްކަތަށް އެމްޑަބްލިޔުއެސްސީން އުފައްދާ އަންޕްލާސްޓިސައިޑް ޕޮލިވިނީލް ކުލޮރައިޑް (ޔޫޕީވީސީ) ހޮޅިއާއި، ހައިޑެންސިޓީ ޕޮލެޔެތެލިން (އެޗްޑީޕީއީ) ޕްރެޝާ ހޮޅިއަކީ ޔޫރަޕްގެ ސްޓޭންޑާޑް ކަމުގައިވާ "އީއެން" އާއި އައިއެސްސީ ސްޓޭންޑާޑަށް ފެތޭ ހޮޅިއެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން ހޮޅި އުފައްދާ ކާރުހާނާއިން މިހާރު ވަނީ ފެން ވަޔަރުކުރުމަށް ބޭނުންވާ ޕީވީސީ ޕްރެޝާ ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރުވެފައި ކަމަށެވެ. ޕީވީސީ ޕްރެޝާ ހޮޅިއަކީ ރާއްޖޭގެ މާކެޓުގައި އެންމެ އާއްމު އަދި އެންމެ މަގުބޫލު ތައިލެންޑް ސްޓޭންޑާޑް ކަމުގައިވާ "ތައި ސްޓޭންޑާޑް" އަށް ފެތޭ ގޮތަށް ތައްޔާރު ކުރާ ފެންވަރު ރަނގަޅު ހޮޅިއެއް ކަމަށާއި އެގޮތުން އެ ކާރުހާނާއިން ފެން ވަޔަރުކުރުމަށް ބޭނުންކުރާ ޕްރެޝާ ކްލާސް 8.5 އާއި 13.5ގެ ބައި އިންޗިއާއި 6 އިންޗި ޑައިމީޓަރާ ދެމެދުގެ ސައިޒްތަކުގެ ހޮޅި އުފައްދާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ މި އުފެއްދުމާއެކު ފެން ވަޔަރުކުރުމަށް ބޭނުންކުރާ ހޮޅި ހޯދުމުގައި، ގެދޮރު އިމާރާތްކުރުމުގެ ސިނާއަތަށާއި އަދި ހާޑްވެއާ ފިހާރަތަކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދަށް ވެސް އެކަމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ، އެކުންފުނީގެ ހޮޅި އުފައްދާ ކާރުހާނާ ބަލަހައްޓަމުން އަންނަނީ 100 ޕަސަންޓް ދިވެހި މުވައްޒަފުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކާރުހާނާއިން އުފައްދާ ހޮޅީގެ ބާވަތްތައް އިތުރުކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.