ޚަބަރު

އެމްޑަބްލިޔުއެސްސީގެ ފެންބިލު ދައްކައިގެން 1000 ރުފިޔާގެ ގިފްޓް ކާޑެއް

އަލީ ޔާމިން

އެމްޑަބްލިޔުއެސްސީގެ ފެންބިލު ދައްކައިގެން 1،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ހާސް 1ހާސް"ގެ ނަމުގައި ފެށި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކުން ގުރުއަތުން ހޮވޭ މީހަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ. ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި 10 ފަރާތެއް ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނަކީ މާލޭ ސަރަހައްދުގެ އިތުރުން އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ހުރިހާ ފެންބިލަކަށް ފައިސާ ދައްކައިގެންނާއި ވަކި މަސްތަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކާ މީހުންނަށްވެސް މި ޕްރޮޮމޯޝަންގައި ބައިވެރިވެވޭއިރު ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލުގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލުތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކުންފުނީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް އަދި ޗެކް ނުވަތަ ފައިސާ މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.