ޚަބަރު

ދެވަނަ ކުއާޓަރުގައި އުރީދޫއަށް 80 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ

އަލީ ޔާމިން

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން މިއަދު އާންމުކުރި އެ ކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 409.6 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އުރީދޫއިން ބުނީ، ކޮވިޑް 19ގެ ސަބަބުން އުރީދޫގެ އާމްދަނީއަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓުމާ ގުޅިގެން ރޯމިން ހިދުމަތުން ލިބުނު އާމްދަނީ މަދުވެފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

މިދިޔަ ކުއާޓަރުގައި އުރީދޫއަށް ގްރޮސް ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 410 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަަ ކުއާޓަރާ އާޅާބަލާއިރު 24.6 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.7 ޕަސެންޓުގެ ދަށްވުމެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި އުރީދޫއިން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރަށް 2.5 މިލިއަން ރުފިޔާގެ އެހީއެއް ދީފައެވެ.

މިއަދަކީ އުރީދޫއިން ރާއްޖޭގައި އޮޕަރޭޓް ކުރާތާ 15 އަހަރުވީ ދުވަހެވެ.