ޚަބަރު

އަޝްފާގުގެ ފޭނުންނަށް ހާއްސަ ސަސް ކޮފީ ކްލަބް ހުޅުވައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ސަޕޯޓަރުންނަށް ހާއްސަ، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޮފީ ކްލަބެއް ހުޅުވައިފި އެވެ.

މައްޗަންގޮޅި ކާމިނީ މަގުގައި ހުންނަ ސަސް ކޮފީ ކްލަބް ރޭ ހުޅުވައި ދެއްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އޭނާއާއެކު ދަގަނޑޭވެސް ބައިވެރިވިއެވެ. މި ކެފޭ އަކީ ދަގަނޑޭ އާއި އޭނާގެ އެކުވެރިން ހުޅުވި ކެފޭ އެކެވެ.

ސަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ކްލަބުތަކަށް އެހީތެރިކަން ދޭ ފަދައިން ކުދި ކުލަބުތަކަށްވެސް އެހީތެރިކަންދޭން ޖެހޭ ކަމަށާއި އޭރުން އެ ކްލަބުތައް ވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށެވެ. އެގޮތުން މިހާރު އެ މަންޒަރު ފެންނަން ފަށައިފި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ސަސް ކްލަބް ވެސް ފަސްޓް ޑިވިޝަންގައި ފެނިގެން ދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ކްލަބް ޖަމިއްޔާތަކަށް އަބަދު ސްޕޮންސާއަށް ބަރޯސާ ނުވެވޭނެ ކަމަށާއި މާޗަންޑައިޒް އަކީވެސް މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން ސަސް އިން ކޮފީ ކްލަބެއް ހުޅުވުކީ ތަފާތު ފެނިގެން ދާނެ ކަމެއް ކަމަށާއި މި ފިޔަވަޅަކީ ރާއްޖޭގެ ތާރީހުގައި ރަން އަކުރުން އެޅިގެން ދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މެންޗަސްޓާ ކެފޭ އާއި ލިވަޕޫލްގެ ކެފޭ ހުންނަ ފަދައިން މިއަދު ސަސް ކޮފީ ކްލަބް މިއޮތީ. އެ މީހުން ވެސް ހުރިހާ ވަސީލަތްތައް ފެށުނީ ކުޑަކުޑަ ގޮތަކަށް. އެގޮތަށް މި ކްލަބުން އެޅި މި ފިޔަވަޅަކީ ރާއްޖޭގެ ތާރީހުގައި ރަން އަކުރުން އެޅިގެން ދާނެ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

ދެ ބުރިޔަށް ހަދާފައި ހުރި ސަސް ކެފޭގައި އަޝްފާގުގެ ގިނަ އަދަދެއްގެ ފޮޓޯތައް ހިމެނެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ފާހަގަ ކޮށްލެވޭ އެކި ދުވަސްވަރުގެ ފޮޓޯތަކާއި ހޯދައިފައިވާ ކާމިޔާބީތަކުގެ ފޮޓޯތައްވެސް ހަރުކޮށްފައި ވެއެވެ.