ދުނިޔެ

ސައުދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

މުހައްމަދު އައުޒަމް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ސައުދީ ރަސްގެފާނު، 84، ރިޔާދުގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ ފިތް ނުވަތަ ގޯލްބްލެޑާގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެ އޮޕަރޭޝަނަށްފަހު ހާލުކޮޅު ރަނގަޅުވެ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވާ މަންޒަރު ސައުދީގެ ގައުމީ ޓީވީން ވަނީ ދައްކައިފަ އެވެ. ޓީވީން ދެއްކި ވީޑިއޯގައި އެމަނިކުފާނުގެ އަރިހުގައި ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ އިތުރުން އާއިލާގެ ބައެއް މެމްބަރުން ތިއްބެވި އެވެ.

މީގެ ފަސް އަހަރު ކުރިން، 2015 އަހަރު ސައުދީ ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގެންނެވި ސަލްމާން ބިން އަބްދުލް އަޒީޒު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ކުރައްވަން ފެއްޓެވުމުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރިއެވެ. އެގޮތުން ހޮސްޕިޓަލުން ވެސް ވަނީ ރަސްގެފާނުގެ ސިއްހީ އިތުރު ބެލުންތަކެއް ބެލި ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުބުނެ އެވެ.

ސަލްމާން ރަސްގެފާން ތަހުތަށް އިސްވެވަޑައިގެންނެވީ ކުރީގެ ރަސްގެފާން އަބްދުﷲ، 90، އަވަހާރަވުމާ ގުޅިގެންނެވެ. އަދި ޖޫން 2017 ގައި ރަސްގެފާން ސަލްމާން ވަނީ ދަރިކަލުން މުހައްމަދު ބިން ސަލްމާން، ވަލީ އަހުދުގެ މަގާމަށް ހަމަޖައްސަވައިފަ އެވެ.