ޚަބަރު

ހުވަދު އަތޮޅުގެ ހުރިހާ ކަނޑުއޮޅިއަކަށް ފީނުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަނީ

އަލީ ޔާމިން

ހުވަދު އަތޮޅުގެ ހުރިހާ ކަނޑުއޮޅިތަކަށް ފީނުމުގެ ހަރަކާތެއް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން "ޑިސްކަވާ ހުވަދު"ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ދިވެހި މަސްވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އޮގަސްޓް 3ގެ ނިޔަލަށް ކަމަށެވެ.

ޔޫއެންޑީޕީ އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއިއެކު، މަސްވެރިންގެ ޖަމިއްޔާއިން ކުރިއަށްގެންދާ މިހަރަކާތުގައި ހުވަދުއަތޮޅުގެ ވަށައިގެންވާ ކަނޑުއޮޅިތަކަށް ފީނުމުގެ އިތުރުން، ޑައިވްކުރުމުގައި ދިމާވާ އެކިކަންކަމަށް މަސްވެރިންނާއި ޑައިވަރުން ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. ޑައިވްސައިޓްތަކުގެ އިލްމީ ދިރާސާއަކާއެކު މިހަރަކާތާގުޅޭ ހާއްސަ ޑޮކިއުމެންޓްރީތަކެއް އުފައްދާނެ ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

ހޭލުންތެރިކުރުވުމުގެ ހަރަކާތުގައި މަސްވެރިކަކަމަށް ބޭނުންވާ އެންހިފުމަށްޓަކައި ޑައިވްކުރާއިރު، ޑައިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ޑައިވްކުރުމަށްޓަކައި ޑައިވްކޯސް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާނެއެވެ. ހޭލުންތެރިކުރުވުމުގެ ކެމްޕެއިން ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ފަންނީ މާހިރުން މި ކެމްޕެއިންގައި ބައިވެރިވާ ގޮތަށް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ހުވަދު އަތޮޅަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު މުރަކައިގެން އަތޮޅެވެ. އެއްއަތޮޅެއްގައި އެންމެ ގިނަ ރަށްތައް އުފެދިފައިވާ ހަމައެކަނި އަތޮޅަށް ވުމުގެ ޝަރަފާއިއެކު ވޯލްޑް ރެކޯޑް ފޮތުން ޖާގަހޯދާފައިވާ އަތޮޅެކެވެ. ރާއްޖެއަށް ފީނުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޑީޕް ސައުތު"ގައި ހިމެނޭ ހުވަދު އަތޮޅަކީ، ޑައިވް ސައިޓްތައް ގިނަ އަދި ގުދުރަތީ ރީތިކަން ލިބިފައިވާ ފަރުތަކާއި ރަށްތައް އެކުލެވިގެންވާ ދޫނިތަކަށް ހާއްސަ ރަށްތަކެއްވެސް ހިމެނިފައިވާ އަތޮޅެކެވެ.

"ޑިސްކަވާ ހުވަދޫ"ގެ ތެރެއިން އެ ޑައިވްސައިޓްތަކުގެ ހާލަތު ދެނެގަނެވި، އެތަންތަނުގައި ހުރި ދިރުންތަކާއި ގުޅޭގޮތުން އިލްމީ ދިރާސާއެއް ކުރުމަށް ތަފާސްހިސާބު އެއްކުރެވިގެންދާނެ ކަމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ އެ ހަރަކާތުގައި ޑައިވްތައް ކުރިއަށްދާނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި މިދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރަށް ވުމުން އެ ހަރަކާތް ކުރިއަށް ގެންދާނީ ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހާއްސަ ހުއްދަތައްވެސް ނަގައިގެން ކަމަށެވެ.

މިހަރަކާތުގެ ޕާޓްނަރުންނަކީ މެރިން އިކުއިޕްމެންޓްސް، އަޕްނިއާ މޯލްޑިވްސް، އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. މިހަރަކާތް އިންތިޒާމް ކުރަނީ ޓާކޮއިޝް ލެބުންނެވެ.

މިހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އަހުމަދު ޝާފިއު (7687179) ނުވަތަ ޝަމްއާން ޝާކިރު (7985856) އަށް ގުޅުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އެދެއެވެ.