ފީފާގެ ގަވާއިދު ތަންދޭނަމަ ޗެލްސީގެ ކުރީގެ ތަރި ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ޗައިނާގެ ރަށްވެހިކަން ހޯދައި އެގައުމުގެ ފުޓްބޯޅަ ޓީމަށް ކުޅެން ތައްޔާރަށް ހުރިކަމަށް ބުނެފިއެވެ.
މިހާރު ޗައިނާ ލީގުގައި ޝަންހާއީ އެފްސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮސްކާ ބުނީ ޗައިނާއިން މިޑްފީލްޑަރެއް ބޭނުންވާ ނަމަ އޭނާ ހުރީ ކުޅެން ތައްޔާރަށް ކަމަށާއި، އޭނާ އަށް އެގައުމު ވަރަށް ކަމުދާ ކަމަށެވެ. އޮސްކާ ބުނީ އެހެން ގައުމެއްގެ ކުޅުންތެރިޔަކު މި ގައުމަށް (ޗައިނާ) އަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ ޓީމު އިތުރަށް ރަނގަޅު ވާނެ ކަމަށެވެ.
މީގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމަށް 47 މެޗު ކުޅެދީފައިވާ އަދި، 2013 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމާއެކު ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކުރި އޮސްކާ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމުން އޭނާ އަށް ޖާގައެއް ނުލިބެ އެވެ.
“އަހަރެންނަށް އެ ފުރުސަތު ލިބިއްޖެ ނަމަ އެކަމާ ވިސްނާނަން. މިހާރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމަކީ އަހަރެންނަށް އުނދަގޫކަމެއް. އެއީ އަހަރެން މިހާރު މި އުޅެނީ ޗައިނާގަ. އަހަރެންގެ ކުޅުން ޗައިނާ މީހުންނަށް ފެންނާނެ” ބްރެޒިލްގެ ގައުމީ ޓީމުގައި ކުރިން މޮޅު ކުޅުމެއް ދެއްކި އޮސްކާ ބުންޏެވެ.
ޗައިނާގެ ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޮސްކާ އަށް އެ ފުރުސަތު ލިބޭނީ ފީފާއިން މިހާރު ހަދާފައިވާ ގަވައިދަށް ބަދަލު ގެނެސްފިނަމަ އެވެ. ނަމަވެސް ސީނިއާ ގައުމީ ޓީމަށް ނުކުޅޭ ބައެއް ކުޅުންތެރިން އަންނަނީ އެހެން ގައުމުތަކުގެ ރަށްވެހިކަމަށް ބަދަލުވެ ގައުމީ ޓީމު ތަމްސީލުކުރަމުންނެވެ.
އޮސްކާ ޒުވާން އުމުރުގައި ޗެލްސީ ދޫކޮށް 2016 ވަނަ އަހަރު ޗައިނާ ލީގަށް ބަދަލުވީ ގާތްގަނޑަކަށް 61 މިލިއަން ޔޫރޯއަށެވެ. ޗައިނާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރުސަތު ލިބުނުފަހުން މިހާތަނަށް ކުޅުނު ހަތަރު މެޗުގައި 31 އަހަރުގެ ފޯވާޑް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު