ކޮވިޑްގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ޓޫރިސްޓުން ރާއްޖެ ފޮނުވައިދިނުމަށް އެދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓުންނާއެކު ވާޗުއަލްކޮށް ބޭއްވި ހާއްސަ ރިސެޕްޝަންގައި ރައީސް ވިދާޅުވީ މިނިވަން ދުވަސް ދިމާވެފައި މިވަނީ ރާއްޖޭގައި ކޮވިޑް ފެތުރިފައިވާ ދުވަސްވަރެއްގައި ކަމަށާއި އެކަމުގެ ސަބަބުން އިގުތިސޯދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ބޯޑަރު ބަންދުކުރަން ޖެހުނު ނަމަވެސް އާ ގައިޑްލައިންތަކަކާއެކު މިހާރު އަލުން ޓޫރިޒަމަށް ބޯޑަރު ހުޅުވާލެވިފައިވާ ކަމަށެވެ.
ރާއްޖެއިން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުން ކަމަށާއި އެގޮތުން ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުން ވަރަށްވެސް މުހިންމު ކަމަށެވެ. އަދި ބައިނަލް އަގުވާމީ ގުޅުންތައް ބަދަހިކޮށް އިތުރު ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކޮވިޑްގެ ސަބަބުން ދިމާވި ކަންކަމުން އަރައިގަންނާނަން. އެކަމަށްޓަކައި ތި ފަރާތްތަކުގެ [ޑެލިގޭޓްސްގެ] އެހީތެރިކަން ބޭނުންވޭ ރާއްޖޭގެ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކާއި ސަފާރީތަކަށް ޓޫރިސްޓުން ޒިޔާރަތް ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރިސޯޓަކީ ވަކިން އޮންނަ ރިސޯޓެއްކަމުން ކޮންޓެކްޓްވާ މިންވަރު ކުޑަވާނެ ކަމަށާއި ރާއްޖޭގެ ރިސޯޓްތަކަކީ އެންމެ ރައްކާތެރި ތަންތަނަށްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުން ރާއްޖެ ސަލާމަތްކުރެވިފައިވާ ކަމަށާއި އެކަން ކުރެވިގެން ދިޔައީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކަށް އަމަލު ކުރެވިގެން ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ހިތްވަރު ލިބިގެންދިޔައީ ސިއްހީ މާހިރުންނާއި ފްރޮންޓްލައިން މަސައްކަތްތެރިންނާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު