އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ނިމުނުއިރު ތާވަލުގެ ގަދަ ހަތަރެއްގައި ހިމެނި ޗެލްސީ އިން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ 2-0 އިން ވުލްވްސް ބަލިކޮށްގެން ޗެލްސީ ވަނީ ލީގުގެ ހަތަރު ވަނަ ކަށަވަރުކޮށްފަ އެވެ. ޔުނައިޓެޑާއި ޗެލްސީ އަށް ވެސް 66 ޕޮއިންޓް ލިބުނުއިރު ޔުނައިޓެޑަށް ކުރި ލިބުނީ ފައިދާ ގޯލު ގިނަވުމުންނެވެ. ސީޒަނުގެ ބޮޑު ބައެއްގައި ގަދަ ހަތަރެއްގައި އޮތް ލެސްޓާ ފަހުވަގުތު ނިންމާލީ 62 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.
ތާވަލުގެ ފަސް ވަނަ ހޯދި ލެސްޓާ އަށް ޔޫއެފާ ޔޫރޮޕާ ލީގުން ފުރުސަތު ލިބުނުއިރު ރަށުން ބޭރުގައި ކްރިސްޓަލް ޕެލޭސްއާ 1-1 އިން އެއްވަރުކޮށް ލީގުގެ ހަ ވަނަ ލިބުމުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބިފަ އެވެ. ހަތް ވަނަ ލިބުނު ވުލްވްސް އަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނީ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފި ނަމަ އެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން 56 ޕޮއިންޓާއެކު ލީގުގެ އަށް ވަނައިގައި ނިންމާލި އާސެނަލަށް ވެސް ޔޫރޮޕާ ލީގުން ފުރުސަތު ހޯދޭނެ އެވެ. މި ސީޒަނުގެ ޔޫރޮޕާ ލީގުގައި ކުޅޭ ވުލްވްސް އިން އެ މުބާރާތް ކާމިޔާބުކޮށްފި ނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.
ރޭގެ މެޗް ވުލްވްސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހި ލަނޑުތަކުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ހިލޭޖެހުމަކުން މޭސަން މައުންޓް ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލިވިއޭ ޖިރޫޑް އެވެ.
ޕްރިމިއާ ލީގުގެ ސީޒަން ނިމުނު ނަމަވެސް އިނގިރޭސި ފުޓްބޯޅައިގެ ސީޒަން ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީ އާއި އާސެނަލް ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލަށް ފަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ޕްރިމިއާ ލީގުގެ ސީޒަން ނިމުނުއިރު، ސީޒަނުގެ ރަން ބޫޓު ކަށަވަރުކުރީ 23 ލަނޑު ޖެހި ލެސްޓާގެ ޖެމީ ވާޑީ އެވެ. ދެ ވަނަ ލިބުނީ 22 ލަނޑު ޖެހި ސައުތެމްޓަމުގެ ޑެނީ އިންގްސް އަށާއި އާސެނަލްގެ އޮބާމިޔަން އަށެވެ. ރަން ބޫޓާއެކު ވާޑީ ވެފައިވަނީ ލީގުގެ ތާރީހުގައި މި މަގާމް ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މި ސީޒަނުގެ ރަން ބޫޓު ކަށަވަރު ކުރިއިރު ވާޑީގެ އުމުރަކީ 33 އަހަރާއި 198 ދުވަހެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު