އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ނިމުނުއިރު ތާވަލުގެ ގަދަ ހަތަރެއްގައި ހިމެނި މެންޗެސްޓާ ޔުނައިޓުން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފި އެވެ.
ރަށުން ބޭރުގައި ރޭ 2-0 ލެސްޓާ ސިޓީ ބަލިކޮށް ޔުނައިޓެޑުން ލީގު ނިންމައިލީ ތާވަލުގެ ތިންވަނައިގައި 66 ޕޮއިންޓާއި އެކު އެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައިވަނީ 66 ޕޮއިންޓެވެ. ޔުނައިޓެޑަށް ތިންވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. އެއްވަނަ ލިވަޕޫލަށް ލިބޭ އިރު ދެވަނަ ލިބެނީ މެންޗެސްޓާ ސިޓީ އަށެވެ.
ޔުނައިޓެޑުން މޮޅުވި މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 71 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުމަށް ފަހު މުޅި ޓީމަށް ދިރުން ގެނެސްދިން ފެނާންޑޭސްގެ ޕެނަލްޓީއަށް ފަހު މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ގޯލު ޖަހައިދިނީ ޖެސީ ލިންގާޑެވެ.
މެޗުގެ ފަހުކޮޅު ޔުނައިޓެޑް މެކްޓޮމިނޭ އަށް ހަމަލާދީގެން ލެސްޓާގެ ޖޮނީ އިވާންސް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވައިލައިފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެގެންނެވެ.
ޕްރިމިއާ ލީގުގެ ކުޅުން ނިމުނުއިރު އިނގިރޭސި ފުޓްބޯޅައިގެ ސީޒަން ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީ އާއި އާސެނަލް ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލަށް ފަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު