އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ ވަރަށްވެސް ބިރުވެރި ހާލަތެއްގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ އެހެން ގައުމުތަކާ އަޅައި ބަލާއިރު ވަރަށްވެސް ބިރުވެރި ގޮތަކަށް ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ އެންމެނަކީވެސް މުސްލިމުން ކަމަށާއި ފެނިގެން މިދަނީ މުސްލިމުން ދަރަޖަ ކުރަމުން ގެންދާ މަންޒަރު ކަމަށެވެ.

"މީނަ އަކީ ކާފަރެއް، މީނަ އަކީ މުސްލިމެއް، އެއީ މި ފެށޭ ހިސާބަކީ، [ހަރުކަށި ފިކުރުގެ މީހުން] އަޅުގަނޑުމެންގެ ގާނޫނު އަސާސީއެއް ގަބޫލެއް ނުކުރެ، އަޅުގަނޑުމެންގެ ދިދައެއް ގަބޫލެއް ނުކުރެ، އަޅުގަނޑުމެންގެ ގައުމީ ސަލާމެއް ގަބޫލެއް ނުކުރޭ، އެކަމަކު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އިސްލާމްދީން އޮތަސް ހަމަ ދިދަ ހުރޭ، ގައުމީ ސަލާމް ހުރޭ، އެއީ ގައުމީ ވަންތަ ކަމެއް، އެއީ ދީނާ ގުޅޭ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ދިވެހިވަންތަ އެއްވެސް ކަމެއް ގަބޫލު ނުކުރާ ކަމަށާއި އެމީހުން ދައްކައިދެނީ އެއީ ވަކި ދައުލަތެއްގެ ގޮތުގައި ކަމަށެވެ.

މާރިޔާ ވިދާޅުވީ އެންމެން އެކީގައި ވާހަކަ ދައްކައި މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ފިކުރެއްގެ ބޭފުޅުންނާ މަޝްވަރާ ކުރެވި މިކަމަށް ހައްލު ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ސޮސައިޓީ އާއި އިސްލާމީ އިލްމުވެރި ބޭފުޅުން އެކީގައި ވަޑައިގަންނަވައި ވާހަކަ ދައްކަވައިގެން އޮޅިފައި އޮންނަ އޮތުން ނައްތައިލަންޖެހޭ ކަމަށެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ހަމަލާއެއް ދިނުމަށް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެކަމަށް ގައުމީ ދިފާއީ ބާރުން އޮތީ ވަރަށްވެސް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި މިހާރު އޮތް ޑިފެންސް ފޯހަކީ ވަރަށްވެސް ތަޖުރިބާ ލިބި ތައްޔާރުވެފައިވާ ފޯހެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ،