މިނިވަން ދުވަހު ކުރަން ޖެހިފައިވަނީ އަޅުވެތިކަމުގެ އިހުސާސް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުމާރީ ބާރަކުން ގައުމު ހިސޯރު ކުރުމުން ފެންނާނެ ކަންކަން މިގައުމުން ފެންނަ ކަމަށާއި އެކަން ސަރުކާރުން ގަބޫލުކޮށްގެން ހަނު ހުރުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމަށެވެ.
"އެއީ ގައުމަށް ގައްދާރުވުން، މިނިވަން ކަމުގެ ދިފާއުގައި އެންމެން ތެދުވަމާތޯ،" އާދަމް ޝަރީފްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
މާދަމާ ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން އާދަމް ޝަރީފު މިފަދަ ޓުވީޓެއް ކުރައްވާފައިވާ އިރު، މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފައިވެ އެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން މުސާރަ ނުދީގެން ކަމަށްބުނެ ކުރަމުންދާ މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ މުސާރައިގެ މައްސަލައެއް ނޫން ކަމަށާއި، އެކަމުގައި ފޮރުވިފައިވާ އެހެންކަމެއް އެބަ އޮތް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ކޮމިޓީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖެއިން މިހާރު ފެންނަމުން މިދާ މަންޒަރުތަކަކީ، އިސްތިއުމާރީ ބާރަކުން ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، ފެންނަ މަންޒަރުތައް ކަމަށެވެ. އަދި ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު