މާލޭ ސަރަަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަނގުރަލާއި އޫރުމަހާއި އެތަކެއްޗާއި ގުޅުން ހުރި ތަކެތި ފިޔަވައި އެހެން މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާއި ދެކުނުން ސ. ހިތަދޫގެ ސަރަހައްދީ ބަނދަރާއި މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައިވާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑައިލުމުގެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި އިސްލާހުގައިވާ ގޮތުން ބަނދަރަށް ބާލާ މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑައިލެވޭ މުދަލަކީ، އެ މުދަލެއް ބާލާ ބަނދަރު ސަރަހައްދުގައި އެ މުދާ ގުދަންކޮށް ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ވާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ޝަރުތުކޮށްފައެވެ. އަދި އެފަދަ މުދަލުން ޑިއުޓީ ކުޑަކުރުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ދުރުހެލި ކުރުމަށް، އާންމުން ހޭލުންތެރި ކުުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިން ޕަސެންޓް، ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ސްޓޭޝަނަރީންނާއި، އުކައިލެވޭ ކާބޯތަކެތި ރައްކާތެރިކަމާއެކު ނައްތައިލުމަށާއި ކާޑު ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗާއި، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކު ނުވަތަ ޑިސްޕޯސަބަލް ފިލްމާއި ޓިއުބްރޯލުން ޑިއުޓީ ކަނޑައިލުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ ކާރު، ޖީޕް، ވޭނުން ނަގަމުން އަންނަ 150 ފަސެންޓް ޑިއުޓީ 100 ޕަސެންޓަށް ދަށް ކުރުމަށްވެސް ބިލުގައިވެއެވެ.

ނަމަވެސް އެނާޖީ ޑްރިންކްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ލީޓަރަކުން 60 ރުފިޔާ ނެގުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.