ރ. ވަންދޫގެ ބަނދަރު މަރާމާތުކޮށް، ފުންކުރުމުގެ މަސައްކަތުގެ 12 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ތެރެއިން ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ހަދާފައިވާ އެއްގަމު ތޮށި ރޫޅާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ޔުނިޓުތައް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އޮގަސްޓް 26، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 1،870 ކިއުބިކް މީޓަރުގެ ހާބާ ބޭސިން ފުންކުރުމާއި 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 5.99 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ.