އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުގައި އެކުންފުންޏަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމާފައި އޮތް ނަމަވެސް، އެ ފައިސާ ނުދޭން ވިދާޅުވުމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ދީބާޖާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބަޖާއާއެކު ހެދި އެއްބަސްވުން އޭގެ ފަހުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރި އެވެ. އަދި ފަހުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފަ އެވެ.

ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، މި ސަރުކާރުން ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ދީބަޖާއަށް ފައިސާ ދޫކޮށްފައެއް އަދި ނުވެއެވެ. އެ ފައިސާ ދޫކުރުން މަޑުޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ ބެލުމަށް ފަހު އޮޑިޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާއެކު ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލުކޮށްފައިވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްނުދޭތީ ކަމަށާއި އެހެންކަމުން ބަދަލުގެ ގޮތުގައި އެކުންފުންޏަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ދީބާޖާ އިން ނެރުނު ބަޔާނެއްގައި ބުނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓަކީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ރިވިޔުކުރުމަށް ހުށަހަޅާފައިވާއިރު، އެ ކޯޓުގެ ހުރުމަތާއި ކަރާމާތް ނަގާލައި، އެ ކޯޓަށް ހުށަހެޅިފައިވާ ރިވިޔު މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޮޑިޓާ ޖެނެރަލް ހިންގާފައިވާ ނާތަހުޒީބު ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.

އޭގެ އިތުރުން އޮޑިޓާ ޖެނެރަލް ޒިޔަތަށް ގިނަ ތުހުމަތުތަކެއްކޮށް ދީބާޖާ އިން ބުނީ، ދައުލަތުގެ ގޮތުގައި އެހެނިހެން ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރަމުންދިޔަ އިރު މާލީ ކޮމިޓީގައި ހިމެނޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގުޅިގެން ޒިޔަތު ހަނުހުރެފައިވާ ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑުކަޑުވާލައި، ކޯޓުތަކުގެ ހުކުމަށް ގޮންޖެހުމުގެ ގޮތުން ހިންގާފައިވާ ގާނޫނީ ބުރަދަނެއް ނެތް ވަކިފަރާތަކަށް ބުރަވެފައިވާ ރިޕޯޓެއް ކަމަށް ވެސް ދީބާޖާގެ ބަޔާނުގައިވެ އެވެ.

ދީބާޖާއިން ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގަނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެގޯތި ކޮއްކޮއަކު ވިއްކާލި އިރުވެސް، އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން ޒިޔަތު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން އެކަން ވެސް ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހަށް ދީބާޖާގެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި ޒިޔަތު އިސްތިއުފާ ދިނުމަށް ވެސް ދީބާޖާއިން ގޮވާލި އެވެ.

"އޮޑިޓާރ ޖެނަރަލް އިސްތިއުފާ ނުދެއްވައިފި ނަމަ އޭނާ މަގާމުން ވަކިކުރުމަކީ ދިވެހި ރައްޔިތުންނަށް ވާޖިބުކަމެއް. އަދި މި ރިޕޯޓުގައި ހަގީގަތާއި ހިލާފަށް އޮޑިޓަރ ޖެނަރަލް ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އޮޑިޓަރ ޖެނަރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ދީބާޖާގެ ފަރާތުން ވިސްނާ ވާހަކަ އޮޑިޓަރ ޖެނަރަލަށް އަންގަމެވެ،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.