އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މަރަދޫގައި ގާއިމުކުރާ ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މާލޭގައި ތިއްބަވައިގެން ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހުޅުދޫގައި މަސް ޕްލާންޓް ގާއިމުކުރަން ހަވާލުކުރީ މެކޯ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެއީ 11 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަރަދޫގައި ނުވަ މަސް ދުވަސް ތެރޭގައި މަސް ޕްލާންޓް ގާއިމުކުރަން ހަވާލުކުރީ ޓްރިޑެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު ވިދާޅުވީ މި މަޝްރޫއުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖުތިމާއީ އަދި އިގުތިސާދީ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއް ކަމަށެވެ.

އޭގެ އިތުރުން މި މަޝްރޫއާއެކު އައްޑީ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވެ، އެ ސިޓީގެ އިގުތިސާދީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި އަދި މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިންޑިއާ ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ އެހީގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ހުޅުދޫ އަދި މަރަދޫގެ އިތުރުން ހިތަދޫގައެވެ.

އެ މަޝްރޫއު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.