ކުޅެން ބޭނުންވާ ފަރާތްތަކަށް، ބޮޑު އަގުގައި މާލޭގެ ޓާފް ދަނޑުތައް ކުއްޔަށް ދޭތީ އެ ފަރާތްތަކުގެ އަތުން، ދަނޑުތައް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މާލޭގައި ހުރި ދަނޑުތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ދޭ މައްސަލައަކީ ތަކުރާރުކޮށް މިނިސްޓްރީއަށް އަންނަ މައްސަލަތަކެއް ކަމަށެވެ.
"އަޅުގަނޑުވެސް ހަފުތާއަކު ދެރޭ ރައްޓެހިންނާ އެކީ ކުޅެލަން ދަނީ 6500 އެއްހާ ރުފިޔާ ދީފަ، މިއީ ބޮޑު އަދަދެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅިގެން އެ ފަރާތްތަކާވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި، ކެބިނެޓުގައި އެ މައްސަލައަށް ބަހުސް ކޮށްފައިވާ ކަމަށެވެ.
އެކަމަށް އޮތް ވިސްނުމަކީ، ވަކި ހިސާބަކުން އެ ދަނޑުތައް ނަގައި، ސިޓީ ކައުސިލް، ނުވަތަ ކްލަބްތަކަށް އާމްދަނީއެއް ލިބޭ ގޮތަށް، އެދަނޑުތައް ރަނގަޅަށް ބެލެއްޓޭނެ ގޮތަށް، އެ ފަރާތްތަކަށް ދަނޑުތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ކުރާނީ ރައްޔިތުންގެ ޖީބަށް ލުއިވާގޮތަށް ކަމަށެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް