ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވުމުން އޭނާގެ ސަޕޯޓަރުންނަށް އަދިވެސް ތިބީ އެކަން ގަބޫލު ނުކުރެވިފައެވެ. ސުޝާންތުގެ މަރުގެ ހިތާމަ އޭނާގެ ސަޕޯޓަރުންނާއި މުޅި ބޮލީވުޑް ފާޅުކުރަމުން ދަނިކޮށް، އެންމެންގެ ސަމާލުކަން ހުއްޓުނީ ސުޝާންތު އާ ވައްތަރު ސަޗިން ޓިވާރީއަށެވެ. ޓިކްޓޮކްގައި އެކި ކަހަލަ ސްޓަންޓް ޖައްސައި އުޅުނު ސަޗިން ޓިވާރީ، ސުޝާންތާއި ވައްތަރުވެގެން މުޅި ސޯޝަލް މީޑިއާގައި އޮތީ އެވާހަކައެވެ.

ސުޝާންތުގެ ސަޕޯޓަރުންނަށް މިވަނީ އުފާވެރި ހަބަރެއް ލިބިފައެވެ. އެގޮތުން ސުޝާންތުއާ ވައްތަރު ސަޗިން ވަރަށް އަވަހަށް ފިލްމަކުން ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރެވެ. ސުޝާންތުގެ ދިރިއުޅުމަށް ބިނާކޮށްގެން "ސައިސައިޑް އޯ މާޑާ" ގެ ނަމުގައި ގެނެސްދޭ އެ ފިލްމުގައި ސުޝާންތުގެ ރޯލު އަދާކުރާނީ ސަޗިން ޓިވާރީކަން ވަނީ މިހާރު ކަށަވަރު ވެފައެވެ.

އެފިލްމަކީ ޝަމިކް މޯލިކް ޑައިރެކްޓްކޮށް، ވިޖޭ ޝޭކަރު ގުޕްތާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ފިލްމުގެ ޕްރޮޑިއުސަރު ވިޖޭ ބުނީ، ފިލްމުގެ ސްކްރިޕްޓުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފިލްމުގެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

ވިޖޭ ބުނީ އެ ފިލްމުގެ ޝޫޓިންތައް 50 ދުވަސްތެރޭގައި ނިމޭނެކަމަށް ލަފާކޮށްފައިވާ ކަމަށާއި ފިލްމުގެ ޝޫޓިންތައް ކުރިއަށް ދާނީ މުމްބާއީ އަދި ޕާންޖާބުގައި ކަމަށެވެ. ވިޖޭ ބުނީ އެ ފިލްމު އުފެއްދުމުގެ މަގުސަދަކީ ސުޝާންތު ތަހައްމަލު ކުރި ކަންކަމާއި ސުޝާންތު އެޅި ފިޔަވަޅު އެހެން ތަރިޔަކު އެޅުން ހުއްޓުވުން ކަމަށެވެ.